މިދިޔަ މޭ މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު މިދިޔަ އަހަރުގެ މޭ މަހާ އަޅައިބަލާއިރު އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މޭ މަހު ރާއްޖެއަށް ވަނީ 3.3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. މި ދިޔަ އަހަރުގެ މޭ މަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މުދަލުގެ ސީއައިއެފް ގާތްގަނޑަކަށް 32 ޕަސެންޓް އިތުރު އަދަދެކެވެ.

ކަސްޓަމްސް އިން ބުނީ މޭ މަހު ދިވެހިރާއްޖެއަށް އިމްޕޯޓު ކުރި މިންވަރު އިތުރުވުމުގައި މާލެ/ހުޅުލެ ބްރިޖުގެ މަސައްކަތަށް އެތެރެކުރި ސާމާނުގެ އަގު ބޮޑުބައެއް ހިއްސާކުރާ ކަމަށެވެ.

އެގޮތުން ފާއިތުވި މޭ މަހު ދިވެހިރާއްޖެއަށް އެތެރެކުރި މުދަލުގެ އަގުގެ 18% ހިއްސާކުރަނީ އެ މަޝްރޫއަށް އެތެރެކޮށްފައިވާ ތަކެއްޗަށް ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީވެސް ވަނީ މިދިޔަ އަހަރުގެ މޭ މަހާ އަޅައިބަލާއިރު ހުސްވި މޭ މަހު 15 ޕަސެންޓް އިތުރުވެފައެވެ. ފާއިތުވި މޭ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 187.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި ދިޔަ އަހަރުގެ މޭ މަހު ލިބިފައިވަނީ 162.6 މިލިއަން ރުފިޔާއެވެ.

ފާއިތުވި މޭ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރުވެސް ވަނީ ހަ ޕަސެންޓް މައްޗަށް ގޮސްފައެވެ. މި އަހަރުގެ މޭ މަހު 393.5 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ.