14 Jun 2016, 15:07
ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި މާރާމާރީގައި މ. ސަރުމާގޭ ފާތިރު މުހައްމަދު އަލީ މަރުވި މައްސަލައިގައި ކުޑަ ކުއްޖަކާއި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ފޮޓޯ އާންމުކޮށްފައި ވަނީ، ގދ. ތިނަދޫ، ލަވްނެސްޓް، އިބާދަތު ލަތީފު (15އ) އާއި މ. ކުރިރުއްގެ، އިރުފާން ރުޝްދީ(21އ) އެވެ.
އެ މީހުންނާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތެއް ލަސްނުކޮށް ފުލުހުންނާ ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.

މާރާމާރީގައި މަރާލާފައިވާ ފާތިރު--
ފާތިރު މަރާލި ދުވަހުގެ ހަވީރު އިތުރު މާރާމާރީއެއްގައި ވެސް ވަނީ 14 އަހަރުގެ ކުއްޖަކު މަރާލައިފަ އެވެ. އެ މާރާމާރީގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ އެވެ.
އިރުޝާންގެ މަރާ ގުޅިގެން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރޭގައި ހަ ކުޑަކުދިން ހިމެނެ އެވެ.

ކަރަށް ވަޅިހެރުމުން މަރުވި އަހުމަދު އިރުޝާން ---- ފޮޓޯ: ފޭސްބުކް
ފުލުހުން ބުނީ ފާތިރަކީ، އިރުޝާން މަރާލި މާރާމާރީގައި ހަރަކާތްތެރިވި ކުއްޖެއް ކަމަށެވެ. ފާތިރަށް ހަމަލާދޭ ވީޑިއޯގައި ފެންނަނީ ފާތިރު އައިސް އެގޭ ދޮރޯށި ހުޅުވައިލާއިރަށް ދެ މީހަކު ވަދެގަންނަތަނެވެ. އެތަނުން އެކަކަކީ ކުޑަކުއްޖެކެވެ. އަނެކަކަށް 18 އަހަރު ފުރިފައިވާނެ ކަމަށްބެލެވެ އެވެ.
އެގެއަށް ވަން ދެކުދިންގެ ތެރެއިން ކުޑަކުއްޖާގެ ސޯޓު ދަށުން ވަޅިއެއް ނަގައި ފާތިރަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
ފުލުހުން ބުނި ގޮތުގައި ހަމަލާދިނުމުން ފާތިރު އެ ގޭތެރެއަށް ސިޑިން އަރަން މަސައްކަތްކުރުމުން ސިޑިމަތިން ވެސް އެކުދިން އޭނާ އަށް ހަމަލާދިނެވެ.