ރައްޔިތުންގެ މަޖިލީހުގައި ބިލުތަކަށް ބަހުސްކުރުމަށް އޮންނަ ވަގުތު އެއްގަޑިއިރަށް ކުޑަ ކުރީ ސަރުކާރާ ހިޔާލުތަފާތުވާ ފަރާތްތަކުގެ އަޑު މަޖިލީހުގައި އިއްވިޔަ ނުދިނުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ އެހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގެ ނިންމުމާ ގުޅިގެން، ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ފޮނުއްވި ސިޓީއެއްގަ އެވެ.

އެ ސިޓީގައި އިބޫ ވިދާޅުވެފައި ވަނީ މަޖިލީހުގެ އެ ނިންމުމަކީ ރައްޔިތުންނަށާއި ޑިމޮކްރަސީއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ކަމަށެވެ.

"މިކަން މިގޮތަށް ކުރެއްވުމާއި މަޖިލީހުން މައިނޯރިޓީގެ އަޑު ކަނޑުވާލެއްވުމަކީ ރައްޔިތުންނަށާއި ޑިމޮކްރެސީ ގާއިމުކުރުމަށް ނުހަނު ބޮޑެތި ގެއްލުންވާނޭކަމެކެވެ." ސިޓީގައި ވިދާޅުވެފައިވެ އެވެ.

ކޮންމެ ބިލަކާއި ގަރާރަށް ބަހުސްކުރުމަށް މިހާރު ދީފައި ވަނީ އެންމެ ގަޑިއިރެކެވެ. އެ ބަދަލާ އެކު އެމްޑީޕީއަށް ކޮންމެ ބިލަކަށާއި ގަރާރަކަށް ބަހުސް ކުރުމަށް ލިބޭނީ އެންމެ 14 މިނެޓްގެ ވަގުތުކޮޅެކެވެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ފަސް މިނެޓު ލިބޭއިރު އަދާލަތު ޕާޓީއަށް ލިބެނީ ދެ މިނެޓުގެ ވަގުތު ކޮޅެކެވެ.

މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ބަހުސް ކުރައްވަން ލިބިވަޑައިގަންނަވާނީ 30 ސިކުންތެވެ.

"މިއީ ރައްޔިތުންގެ ހައްގުތަކާއި ވެރިކަމުގެ ނިޒާމާ ގުޅުންހުރި ބޮޑެތި މައްސަލަތަކަށް ބަހުސްކުރުމަށް އެއްގޮތަކަށް ވެސް އެކަށީގެންވާ ވަގުތެއް ނޫނެވެ." އިބޫ ވިދާޅުވި އެވެ.

އެހެންކަމުން އިބޫ ވަނީ މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި ގަރާރުތަކަށް ބަހުސްކުރެއްވުމުގައި އެއް ގަޑިއިރަށް ވަގުތު ކުޑަކުރި ކުރުން ބަދުލުކޮށް، ބަހުސްކުރުމަށް އެކަށީގެންވާ ވަގުތު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އިއްޔެ މަޖިލީހުގެ ތަޅުމުގައި ވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރިޔާސަތުގައިއިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، ރިޔާސަތުން މެމްބަރުންނަށް ފުރުސަތު އަރުވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ (ޅ)ގައިވާ ގޮތުގެ މަތީން އާއްމު ކޮމެޓީން މަޖިލީހުގެ ރިޔާސަތަށް ލަފާ އަރުވާ ގޮތެއްގެ މަތީން ކަމަށެވެ.