14 Jun 2016, 14:17
މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި މަރުވާ މީހުން، މިދިޔަ މާޗް މަހުން ފެށިގެން ހުޅުމާލޭ ސަހަރާގައި ވަޅުލުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް މިހާރު ވެސް ދަނީ އާސަހަރާ މިސްކިތުގައި މީހުން ވަޅުލަމުންނެވެ. ރޯދަމަސް ނިމުމާ އެކު އެ އުސޫލް ބަދަލުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިވަނީ ބުނެފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ ސަރުކާރުން ނިންމާފައި ވަނީ މަރުވާ މީހުން ހުޅުމާލޭ ސަހަރާގައި ވަޅުލަން ކަމަށާއި ނަމަވެސް ސިޓީ ކައުންސިލްއިން ހުއްދަ ދީގެން މިހާރު އާސަހަރާގައި މީހުން ވަޅުލަމުން ދާ ކަމަށެވެ.
ސިޓީ ކައުންސިލްގެ މެންޑޭޓްގައި އޮތް އެކަންތައް މިހާރު އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށާއި އެހެންކަމުން ރޯދަ މަސް ނިމުމާ އެކު ދެން މާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭ ސަހަރާގައި ކަމަށެވެ.
މާލޭގައި އޭރުން ވަޅުލާނީ ހުޅުމާލެއަށް ނުގެންދެވޭ ހާލަތުގައި ތިބި ފަރާތްތައް އެކަނި ކަމަށް ވެސް ކަމަށެވެ.
"މިސާލަކަށް މައްޔިތެއްގެ ގައިން ބްލީޑްވާ ކަމަށް ވަންޔާ އަޅުގަނޑުމެން ވަޅުލާންޖެހޭނެ ދެއްތޯ، އެކަހަލަ އެކަހަލަ އިމަޖެންސީ ކޭސަސް އަދި ހާއްސަކޮށް ތުއްތު ކުދިން ވަޅުލާނެ ޖާގައެއް އެބަޖެހޭ ދެއްތޯ ހުންނަން، އެހެންވީމަ އެޖާގަ [މާލޭ ސަހަރާއިން] އިން ބާއްވާނީ އެކަންކަމަށް." މުސްތަފާ ވިދާޅުވި އެވެ.
އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށާއި އެހެންކަމުން މުވައްޒިފުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
މާލެއިން މައްޔިތާ ގެންދިއުމަށް އެމްޓީސީސީގެ ހާއްސަ ފެރީއެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރު އަހުމަދު މިރުޝާން ވިދާޅުވީ އަލަށް ހެދި ސަހަރާއަކީ ދެ ލޭޔަރަކަށް 8800 މީހުން ވަޅުލެވޭނެ ސަހަރާއެއް ކަމަށެވެ. އެޗްޑީސީއިން ލަފާކުރާ ގޮތުގައި ކުރިއަށްއޮތް ހަ އަހަރަށް އެ ސަހަރާގައި މީހުން ވަޅުލެވޭނެ އެވެ.