ވޮޝިންޓަން(ޖޫން 14) : ސައޫދީ އަރަބިޔާގެ ބާރުގަދަ މީހާގެ ގޮތުގައި ސިފަކުރެވޭ އެގައުމުގެ ވަލީއުލްޢަހްދުގެ ނައިބު އަމީރު މުހައްމަދު ބިން ސަލްމާން، އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީއާ ވޮޝިންޓަންގައި ބައްދަލުކުރައްވައިފި އެވެ.

ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނާގޮތުން އަމީރު މުހައްމަދު ބިން ސަލްމާން އެމެރިކާއަށް ވަޑައިގެން އުޅުއްވަނީ އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ހަވާލުކުރެއްވި ކަންތަކަކާ ގުޅިގެން އެމެރިކާގެ އިސްމަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށެވެ.

އަމީރު މުހައްމަދު ބައްދަލުކުރައްވާ އެމެރިކާގެ މަސްއޫލުވެރިންގެ ގެތެރޭގައި ޚާރިޖީ ވަޒީރު ޖޯންކެރީގެ އިތުރުން ރައީސް ބަރަކް އޮބާމާއާއި ދިފާއީ ވަޒީރު އޭޝްޓަން ކާޓަރ އަދި ކޮންގްރެސްގެ ބައެއް މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ހާމަކުރެއްވި ގޮތުގައި ޖޯންކެރީއާއި މުހައްމަދު ބިން ސަލްމާން މަޝްވަރާ ކުރެއްވީ، ސޫރިޔާގެ މައްސަލައާއި ޔަމަންގެ މައްސަލައާއި އަދި ގަލްފާއި މެދުއިރުމަތީގައި މިހާރަށްވުރެ ފުޅާ ދައުރެއް ސައޫދީ އަރަބިޔާއިން އަދާކުރެވޭނެ ގޮތްތަކާބެހޭގޮތުންނެވެ.

ސޫރިޔާގެ މައްސަލައާއި ޔަމަންގެ މައްސަލައަކީ އެމެރިކާއާއި ސައޫދީ އަރަބިޔާއާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ މައްސަލަތަކެކެވެ. މީގެއިތުރުން އީރާނާ ގާތްވުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކާ އަދި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ސިޔާސަތަކީވެސް ސައޫދީ އަރަބިޔާ ވަރަށްބޮޑަށް ދެކޮޅު ހަދާ ސިޔާސަތުތަކެކެވެ.

މުހައްމަދު ބިން ސަލްމާން ޖޯން ކެރީ އާ ބައްދަލުކުރައްވަނީ

ސޫރިޔާގެ މައްސަލައަށް ބަލާއިރު ސައޫދީން އެމެރިކާއަށް ބާރުއަޅަނީ ސޫރިޔާއަށް އެމެރިކާ ސިފައިން އެއްގަމު މަގުންވަދެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް ނޫނީ ބައްޝާރުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް އެމެރިކާއިން ޒަމާނީ ބަރުހަތިޔާރުތައް ދީގެން ބައްޝާރުގެ ވެރިކަން ވައްޓާލުމަށެވެ. މިދެކަންތަކަށްވެސް އެމެރިކާ ވަނީ ދެކޮޅު ހަދާފައެވެ.

އީރާނާއި ރަޝިޔާއިން ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގެންފައިވުމާއެކު ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަކީ މުސްތަހީލް ކަމެއްކަމަށް އެމެރިކާ ދެކެއެވެ. އަދި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަކީވެސް ބައިބައިވެފައިވާ ތަޅާފޮޅުންތައް ބޮޑު ވަރަށް ވާދަވެރި ޖަމާއަތްތަކެއް ކަމަށްވާތީ ބައްޝާރުގެ ސަރުކާރު ވައްޓާލިނަމަވެސް ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނުހުއްޓޭނެކަމާ އަދި އެގައުމަށް ހަމަޖެހުމާއި ސުލްޙަ ނުގެނެވޭނެ ކަމަށް އެމެރިކާ ދެކެއެވެ.

އަނެއްކޮޅުން ސައޫދީ އިސްކޮށް އޮވެގެން އެކުލަވާލާފައިވާ އަރަބި ލަޝްކަރުން ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގަތުމަކީވެސް އެމެރިކާ ހިތްހަމަޖެހޭކަމެއްނޫނެވެ. މިމައްސަލާގައިވެސް ދެގައުމުގެ ޚިޔާލު ތަފާތުވެފައިވެއެވެ.

މިހުރިހާ މައްސަލަތަކާބެހޭގޮތުން ސައޫދީ ވަލީއުލްޢަހްދުގެ ނައިބު އަމީރު މުހައްމަދު ބިން ސަލްމާން، އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ކޮންގްރެސްގެ ބައެއް އިސް މެންބަރުންނާ މަޝްވަރާކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިމައްސަލަތަކަކީ ކުރިންވެސް ދެގައުމުގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށްފައިވާކަންކަމެވެ. ނަމަވެސް މިކަންކަމާމެދު ދެގައުމުގެ ދެމެދުގައިވާ ޚިލާފްތައް ނައްތާލެވިފައެއް ނުވެއެވެ.

ސައޫދީ ވަލީއުލްޢަހްދުގެ ނައިބު އަމީރު މުހައްމަދު ބިން ސަލްމާން މިއަދުގެ ވަގުތެއްގައި އެމެރިކާގެ ރައީސް ބަރަކް އޮބަމާއާ ބައްދަލުކުރައްވާނެއެވެ. (ނޫސްއެޖެންސީތައް)