އަހުމަދުއާބާދު (ޖޫން 14): ޖިންސީ ގުޅުން ހިންގަން ދެކޮޅު ހެދި ފިރިމީހާ މަރާލުމާ ގުޅިގެން އިންޑިއާގެ އަންހެނަކު އިއްޔެ އުމުރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ފަންސާސް ހަތަރު އަހަރުގެ ވިމްލާ ވަގޭލާ އޭނާގެ ފިރިމީހާ، ނާރުސިންހު މަރާލީ 2 ނޮވެމްބަރު 2013 ވަނަ ދުވަހު ދަނޑިބުރިއަކުން ތަޅާ، ޒަހަމްކޮށްގެންނެވެ.

އެމައްސަލައިގެ ތަފުސީލުގައިވާ ގޮތުން ވިމްލާ ނާރުސިންހަށް ހަމަލާ ދޭން ފެށީ އޭނާއާ ޖިންސީ ގުޅުން ހިންގަން ދެކޮޅު ހެދުމުން އެކަމާ ރުޅިއައިސްގެންނެވެ. އަދި އޭނާ ވަނީ ނާރުސިންހު އެހެން ލޯބިވެރިޔަކު ގެންގުޅޭ ކަމަށް ޝައްކުކޮށް ނާރުސިންހު މަރާލާފަ އެވެ.

ފުލުހުންގެ ބަޔާނުގައިވާ ގޮތުން ނާރުސިންހު މަރާލުމަށް ފަހު ވިމްލާ ވަނީ އޭނާގެ މަރު ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ. ނާރުސިންހު މަރާލީ ވިމްލާކަން އެނގުނީ އޭގެ ފަހުން ކުރިއަށް ގެންދިޔަ ތަހުގީގަކުންނެވެ.

އިއްޔެ ވިމްލާގެ މައްޗަށް ޖަލު ހުކުމް ކުރުމުގެ އިތުރުން އޭނާ ވަނީ 2،000 ރުޕީސް އިން ޖޫރިމަނާކޮށްފަ އެވެ. (ޓައިމްސްއޮފްއިންޑިއާ)