17 May 2011, 13:25
ބ. ތުޅާދޫގައި ހަދަމުންދާ ބަނދަރު ކުރިން ޕްލޭންކޮށްފައިވާ ވަރަށް ވުރެ ބޮޑުކުރުމަށް އެ ރަށު ކައުންސިލުން ސަރުކާރަށް ހުށައެޅުމުން އެ ބަނދަރު ބޮޑުކުރުމަށް ނިންމާފައި ވަނިކޮށް އެބަނދަރު ބޮޑުކުރާނީ ކޮން ފަރާތަކަށް ކަން ކަނޑައެޅުމުގައި ހިޔާލު ތަފާތުވެގެން މިއަދު އެ ރަށުގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.
ތުޅާދޫގައި މުޒާހަރާކުރާ މީހުން ބުނަމުންދަނީ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ހުއްޓިފައި އޮތީ އެ ރަށު ރަށު ކައުންސިލުން ފާސްކުރި ގަރާރަކުން އެކަން ހުއްޓުވާފައި ވާތީ ކަމަށެވެ. އަދި އެގަރާރު އުވާލުމަށް އެމީހުން ގޮވަމުންދާ ކަމަށް ތުޅާދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ނަމަވެސް ތުޅާދޫ ރަށު ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ ބަނދަރުގެ ހެދުމުގެ މަސައްކަތް ހުއްޓުވުމަށް ކައުންސިލުން އެއްވެސް ގަރާރެއް ފާސްކޮށްފައެއް ނުވާނެ ކަމަށެވެ.
"ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓުވުމަށް އަޅުގަނޑުމެން އެއްވެސް ގަރާރެއް ފާހެއް ނުކުރަން. ރަށު ކައުންސިލުން ކީއްކުރަންތޯ ބަނދަރުގެ މަސައްކަތް ހުއްޓުވަންވީ؟" ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ހުއްޓިގެން އުޅެނީ ބަނދަރު ހެދުމަށް ސަރުކާރުން ކުރިން ނިންމާފައިވާ 700 ފޫޓްގެ ދިގުމިނުގެ ބަދަލުގައި 1200 ފޫޓަށް ބޮޑުކުރުމަށް ރަށު ކައުންސިލުން ހުށައެޅި ހުށައެޅުމަކާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެން ހުށައެޅީ 1200 ފޫޓަށް ބަނދަރު ބޮޑުކުރުމަށް. ސަރުކާރުން އެކަން ގަބޫލުކޮށް ބޮޑު ކުރުމަށް ނިންމީ. އެހެން ނަމަވެސް އެ މަސައްކަތް ކުރަމުންދާ އެމްޓީ ހޯގާޑުން ބަނދަރު ބޮޑު ކުރަން ފެށީ އިރުމައްޗަށް،"
ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަނދަރު އިރުމައްޗަށް ބޮޑުކުރުމަށް ތުޅާދޫ ރަށު ކައުންސިލަށް ނުފެންނާތީ އެކަން އެގޮތަށް ނުކުރުމަށާއި ބޮޑުކުރަން ވާނީ ހުޅަނގަށް ކަމަށް ބުނެ ތުޅާދޫ ރަށު ކައުންސިލުން ގަރާރެއް ފާސްކުރި ކަމަށެވެ.
"މަސައްކަތް މަޑު ޖެހުނީ އެހިސާބުން. އެމީހުން ކުރަމުން ދިޔަ މަސައްކަތް އެހެން ގޮތަކަށް ބަދަލުކުރަން ، އެހެންވެ، މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ހުއްޓިފައި. އެއީ ހުޅަނގު މަސައްކަތް އެހެން ގޮތަކަށް ބަދަލު ކުރަން ޖެހޭތީ ހޭދަވާ ވަގުތު،" ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ތުޅާދޫ ރަށު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ތުޅާދޫ ކައުންސިލުން ބުނީ މުޒާހަރާ ކުރާ މީހުން ބަނދަރުގެ މަސައްކަތްކުރަމުންދާ އެމްޓީ ހޯގާޑްގެ ސައިޓަށް ވަދެ ތިބި ކަމަށާއި އެކަން ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި އެކަން ހުއްޓާލުމަށް ކައުންސިލުން ވެސް ތަކުރާރުކޮށް އިލްތިމާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި ރައްޔިތުންގެ މެދުގައި ވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފައި. ބަނދަރު ބޮޑުކުރަން ވާނީ އިރުމައްޗަށް ކަމަށް އެއްބަޔަކު ގޮވަމުން ދާއިރު އަނެއް ބަޔަކު ބުނަނީ ބޮޑުކުރަން ޖެހޭނީ ހުޅަނގަށް ކަމަށް،" ރަޝީދު ވިދާޅުވި އެވެ.
ތުޅާދޫގައި ބަޔަކު މުޒާހަރާ ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ފުލުހުން އަދި އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.
"އެ ރަށުގައި ފުލުހުން ތިބޭ، އެކަމަކު މުޒާހަރާ ހުއްޓުވުމަށް ފުލުހުން އަދި އެއްވެސް ފިޔަވަޅެއް ނާޅާ." ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވި އެވެ.
-- ހަބަރުގައި ހިމަނާފައިވާ ވީޑިއޯ ނަގާފައި ވަނީ އޭދަފުށީޓައިމް އިންނެވެ.
http://www.youtube.com/watch?v=37SCp1m24HM&feature=player_embedded