14 Jun 2016, 14:14
ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ "ގްރޫޕް ބީ"ގައި މިދިޔަ ހޮނިހިރު ދުވަހު އިންގްލެންޑާއި ރަޝިއާ ބައްދަލުކުރި މެޗަށްފަހު، އެ ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިންގްލެންޑުގެ ހަ ސަޕޯޓަރަކު ޖަލަށްލާން ހުކުމް ކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފްރާންސްގެ ކޯޓަކުން އިއްޔެ އެ ހަ މީހުން ޖަލަށް ލާން ހުކުމްކުރީ އެއް މަހާ ތިން މަހާ ދޭތެރޭގެ މުއްދަތަކަށެވެ. ފުޅި އުކި ކަމުގެ ތުހުމަތުގައި، އެމީހުން ޖަލަށް ލުމަށް ކުރި އެ ހުކުމުގައި ދެ އަހަރަށް ފްރާންސަށް ވަނުން ވެސް ވަނީ މަނާކޮށްފައެވެ.

އިއްވި ހުކުމާ ގުޅޭގޮތުން ރިޕޯޓަރުންނާ ވާހަކަދައްކަމުން މާސޭގެ ޗީފް ޕްރޮސެކިއުޓަރު ބްރީސް ރޮބިން އިއްޔެ ވިދާޅުވީ، ވެލޮޑްރޯމް ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ރަޝިއާގެ އެއްވެސް ސަޕޯޓަރަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ހަމަނުޖެހުން ހިންގުމުގައި ރަޝިއާގެ 150 މީހުން ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އިންގްލެންޑާއި ރަޝިއާ ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މެޗުގައި އިންގްލެންޑުން ލަނޑު ޖަހާފައި ވަނިކޮށް ރަޝިއާ އިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓްގެ ތެރޭގަ އެވެ.

ހަމަނުޖެހުމުގައި، ދެ ޓީމުގެ ސަޕޯޓަރުން ވަކިކުރުމަށް ދަނޑުގައި ޖަހާފައިވާ ފެންސެއް ވެސް ވައްޓާލާފައިވެ އެވެ. އެ ހަމަނުޖެހުމުގައި ދެ ޓީމުގެ ސަޕޯޓަރުން އެއްޗެހި އުކުމުގެ ސަބަބުން ބައެއް ސަޕޯޓަރުންނަށް އެކި ވަރުގެ އަނިޔާތައް ވެސް ވަނީ ލިބިފަ އެވެ. ދެ ޓީމުގެ ސަޕޯޓަރުންގެ ދެމެދު ހިނގި ހަމަނުޖެހުން މައިތިރިކުރީ ފްރާންސްގެ ފުލުހުން ކަރުނަ ގޭހާއި ފެން ޖަހައިގެންނެވެ.
އެ މައްސަލައަށްފަހު ސަލާމަތީ ކަންކަން މިހާރަށްވުރެ ވަރުގަދަ ކުރުމަށް ޔޫއޭފާ އިން ނިންމިއިރު، އިތުރު ހަމަނުޖެހުންތަކެއް ހިންގައިފިނަމަ އިނގިރޭސިންނާއި ރަޝިއާ ޔޫރޯ ފުޓްބޯޅަ މުބާރާތުން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ޔުއެފާ އިން ވަނީ އެ ދެ ޓީމަށް ދީފައެވެ.