14 Jun 2016, 14:35
ނަވާރަސަތޭކަ ފަސްދޮޅަސް ނުވަ ވަނަ އަހަރު ނުކުތް ޔަޝް ޗޯޕްރާގެ މިސްޓްރީ ފިލްމު، "އިއްތިފާގު"ގެ ރީމޭކް އިން ސިދާރްތު މަލޯތުރާ ފެންނާނެ ކަމަށް އޭނާ ބުނެފި އެވެ.
ރާޖޭޝް ޚަންނާ އަދި ނަންދާ ލީޑު ރޯލުން ފެނިގެން ދިޔަ އެ ފިލްމުގެ ރީމޭކް ޕްރޮޑިއުސް ކުރަނީ ޝާހް ރުކް ހާންގެ ރެޑް ޗިލީ އާއި ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އަދި ބީއާރު ފިލްމްސް ގުޅިގެންނެވެ.
ރީމޭކްގައި ސިދާރްތު ފެނިގެން ދާނީ ރާޖޭޝް ޚަންނާގެ ރޯލުންނެވެ. ސިދާރްތު ބުނީ އެ ރޯލާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ފިލްމުގެ މަސައްކަތް ފެށުމަށް ކެތް މަދުވެފައި ހުރި ކަމަށެވެ.

ސިދާރްތު މަލޯތުރާ (ކ) އަދި ރާޖޭޝް ޚަންނާ (ވ) --
އަދި އެއީ މީގެ ކުރިން އޭނާ ކުޅެފައި ނުވާ ކަހަލަ ރޯލެއް ކަމަށް ވެސް ސިދާރްތު ވަނީ ބުނެފަ އެވެ.
ދެހާސް ބާރަ ވަނަ އަހަރު ނުކުތް ކަރަން ޖޯހަރުގެ "ސްޓުޑެންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވި ސިދާރްތު ވަނީ މިހާތަނަށް ކާމިޔާބު ފިލްމުތަކެއްގެ މަސައްކަތް ކޮށްފަ އެވެ.
ސިދާރްތު މިހާރު މަސައްކަތް ކުރަމުން އަންނަނީ ރާޖް ނިދިމޯރޫގެ ކުރިއަށް އޮތް ފިލްމުގަ އެވެ.
އޭނާ އެންމެ ފަހުން ފެނިފައި ވަނީ ކަރަން ޖޯހަރުގެ "ކަޕޫރު އެންޑް ސަންސް" އިންނެވެ. ދެން އެންމެ އަވަހަށް ފެނިގެން ދާނީ، ކެޓްރީނާ ކައިފް އާ އެކު ނިތުޔާ މެހެރާގެ "ބާރު ބާރު ދޭކޯ" އިންނެވެ.