14 Jun 2016, 14:35
ވާހަކަ ދައްކާގޮތް ކުޑަކޮށް ތަފާތެވެ. ހަރަކާތްތެރިވެ އުޅުން ވެސް ބައެއް ފަހަރު ލަސްވެ އެވެ. ނަމަވެސް ބެލްޖިއަމްގެ ދެ ހޮސްޕިޓަލެއްގައި ޕޭޝަންޓުންނަށް އެހީވުމަށް "ޕެޕާ" ނަމަކަށް ކިޔާ ރޮބަޓެއް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މޭ މަތީގައި ސްކްރީނެއް ހަރުކޮށް އަދި ވަށް ބޮލެއް އިންނަ އެ ރޮބަޓުގެ ސޮފްޓްވެއާ އުފެއްދި މީހުން ބުނީ، އެއީ ސިއްހީ ހިދުމަތްދޭ ތަނެއްގައި މީހުންނާ މުހާތަބްކުރަން ދުނިޔޭގައި ބޭނުންކުރަންފެށި ފުރަތަމަ ރޮބަޓް ކަމަށެވެ.
އޭޝިއާ އިން ބައިތައް ގެނެސްގެން ފްރާންސްގައި ރާވައި ހަދާފައިވާ ޕެޕާ ކަހަލަ ރޮބޮޓްތައް ޖަޕާންގެ ފިހާރަތަކާއި ފްރާންސްގެ ބައެއް ބޮޑެތި މޯލްތަކުގައި ޓެސްޓް ކޮށް، މަސައްކަތްކޮށްފައިވެ އެވެ.
އިއްޔެ ތައާރަފްކުރި އެ ރޮބަޓް މަސައްކަތްކުރާނީ ބެލްޖިއަމްގެ ލީޖް އަދި އޮސްޓެންޑްގައި ހުންނަ ހޮސްޕިޓަލެއްގެ ރިސެޕްޝަނިސްޓެއްގެ ވަޒީފާގައެވެ.
ރޮބަޓްގެ ސިކުނޑީގައި އިންނަ ސޮފްޓްވެއާ ފަރުމާކުރި ބެލްޖިއަމްގެ ފާމެއް ކަމަށްވާ، ޒޯރާ ބޮޓްސްގެ އޮފިޝަލު ރަފިއެލް ޓަސާޓް ބުނީ، ލީޖްގެ ހޮސްޕިޓަލުގެ ރިސެޕްޝަންގައި ޕެޕާ މަސައްކަތްކުރި ނަމަވެސް އޮސްޓެންޑުގެ ހޮސްޕިޓަލުގައި މީހުން ބޭނުންވާ ޑިޕާޓްމަންޓަށް ގެންގޮސް ދިނުމުގައި ވެސް ޕެޕާ އެހީތެރިވެދޭނެ ކަމަށެވެ.
އިސްކޮޅުގައި ހަތަރު ފޫޓު ހަތް އިންޗި ހުންނަ އެ ރޮބަޓަށް އެކި ތަންތަނަށް ދިއުމަށް ފުރޮޅު ހަރުކޮށްފައިވާ އިރު، އިންސާނުން ވާހަކަ ދައްކާ 20 ބަހަކާއި ވާހަކަ ދެއްކެނީ ކޮން ޖިންސެއްގެ މީހެއް ކަން ދެނެގަންނާނެ އެވެ.
މައުލޫމާތު: ފްރާންސް24