14 Jun 2016, 14:12
ރޯދަ މަހުގެ ފުރަތަމަ 10 ނިމުމަކާ ދާދި ގާތްވެފައިވާ އިރު، ބަދިގޭގައި ފަނި ގިރަން ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ދަށަށް ޖެހިލައިފި އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހުރި އަގުތަކާ އަޅާ ބަލާ އިރު، ގިނަ ބާވަތްތަކުން ވަނީ ފަސްރުފިޔާ އާއި 10 ރުފިޔާއާ ދެމެދުގެ އަދަދެއް އަގު ހެޔޮވެފަ އެވެ.
ރޯދަމަހުގެ ރަސް ބުއިން ކަމުގައިވާ ކަރާ އަށް ބަލާ އިރު، ކަރާގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ރޯދަ ފެށުނު އިރު ކަރާ ކިލޯއެއް ވިއްކަން ހުރީ 40 ރުފިޔާ އާއި 50 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. ނަމަވެސް މިއަދު ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ކިލޯއެއް ވިއްކަނީ 15 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި ތިބި ބައެއް ވިޔަފާރިވެރިންނާ ވާހަކަ ދައްކާލުމުން ބުނީ، ކަރާގެ އަގު ހެޔޮވީ އިންޑިއާ އިން ގިނަ އަދަދަކަށް ކަރާ ގެނައުމުން ކަމަށެވެ.
"އިންޑިއާ އިން ހެސްކިޔާފަ ގެނެސް އަޅާލީ [ކަރާ] މާރުކޭޓަށް. އެހެންވެ އަގުތައް ދަށަށް ދިޔައީ،" ދަތުރުވެރިންގެ މާރުކޭޓު ގޮޅިއެއްގައި އިން ވިޔަފާރިވެރިއަކު ބުންޏެވެ.
ހަނީ މެލަން އަދި ރޮކް މެލަން ކިލޯއެއް 50 ރުފިޔާ އަށް ވިއްކާ އިރު، މީގެ ކުރިން މެލަން ކިލޯއެއް ވިއްކީ 60 ރުފިޔާ އަށެވެ.
ފަނިގިރަން ބޭނުންކުރާ އެހެނިހެން ބާވަތްތަކުގެ އަގުތަކަށް ބަލާއިރު، ބޭރު އަނބު ވިއްކަނީ 80 ރުފިޔާ އަށް ކިލޯއެކެވެ. އޮރެންޖެއް ހަތަރު ރުފިޔާ އަށް ވިއްކާ އިރު، ކުރުނބާ އެއް ވިއްކަނީ 35 ރުފިޔާ އަށެވެ. ޕެޝަން ފްރުޓް ކިލޯއެއް 40 ރުފިޔާ އަށް ލިބެން ހުރި އިރު، ފޭރު ކިލޯއެއް ވިއްކަނީ 70 ރުފިޔާ އަށް ކިލޯއެކެވެ.
އެ ހުރިހާ ބާވަތްތަކެއް ވެސް މީގެ ކުރިން ވިއްކީ މިހާރު ހުރި އަގަށް ވުރެ ގާތްގަނޑަކަށް 10-5 ރުފިޔާ އިތުރު އަގެއްގަ އެވެ.
އާދައިގެ ސައިޒެއްގެ އަލަނާސި އެއް 40 ރުފިޔާ އަށް ލިބެން ހުރި އިރު ފަޅޯ ކިލޯއެއް 25 ރުފިޔާ އަށް ލިބެން އެބަހުއްޓެވެ.