ރޯދަ މަހުގެ ފުރަތަމަ 10 ދުވަސް ނިމުމަކަށް ގާތްވެފައިވާ އިރު، ފިޔާ، ބިސް އަދި އަލުވީގެ އަގު ބާޒާރުގައި ހެޔޮވެއްޖެ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބިސް ކޭހެއްގެ އަގު ބާޒާރުގައި ހުރީ ގާތްގަނޑަކަށް 400 ރުފިޔާ އަށެވެ. ފިޔާ އަދި އަލުވި ބަސްތާއެއް އޭރު ބާޒާރުގައި ލިބެން ހުރީ 300 ރުފިޔާ އަށެވެ.

ނަމަވެސް މިހާރު އެ އަގުތައް ވަނީ ދަށަށް ޖެހިފަ އެވެ.

އެގޮތުން ބިސް ކޭހެއް 370 ރުފިޔާ އަށް މިހާރު ބާޒާރުން ލިބެން ހުރި އިރު، ފިޔާ ބަސްތާއެއް 220 ރުފިޔާ އަށް ލިބެން އެބަހުއްޓެވެ. ފިޔާ އަދި ބިހާ އެކު އަލުވި ބަސްތާއެއްގެ އަގު ވެސް ވަނީ 250 ރުފިޔާއަށް ތިރިވެފަ އެވެ.

ބާޒާރުގައި ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ބުނީ އެ ތިން ބާވަތުގެ އަގު ހެޔޮވީ، އާ ޝިޕްމަންޓެއް ލިބިފައި ވާތީ ކަމަށެވެ.

"އާ ޝިޕްމަންޓެއް މިހާރު މި ލިބުނީ މިއަދު. އެހެންވެ އަގު ދަށްވީ، ގިނައިން ލިބެންޏާ ދަށަށް ދާނެ އަގު،" ބާޒާރުގައި އެ ތިން ބާވަތް ވިއްކާ ވިޔަފާރިވެރިއަކު ބުންޏެވެ.

އެ ވިޔަފާރިވެރިން ބުނީ ކުރިއަށް އޮތްތާގައި ވެސް މެދު ނުކެނޑި ފިޔާ ބިސް އަދި އަލުވި ލިބޭ ނަމަ އަގު ނުއުފުލި ހުންނާނެ ކަމަށެވެ.

ބާޒާރުގައި ވިޔަފާރިވެރިން އެ އަގުގައި ތަކެތި ވިއްކާ އިރު، ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ބިސް ކޭހެއް 275 ރުފިޔާ އަށް ވިއްކާއިރު، ފިޔާ އަދި އަލުވި ބަސްތާއެއް ވިއްކަނީ 250 ރުފިޔާ އަށެވެ.