14 Jun 2016, 12:27
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް އައިސްލެންޑް ނިކުންނަ އިރު އެ ޓީމްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ އާއި ޑިފެންޑާ ޕެޕޭ އަކީ ދެ އެކްޓަރުން ކަމަށް ބުނެ އައިސްލެންޑް ކޯޗު ލާސް ލާގެބެކް އެ ދެ ކުޅުންތެރިންނަށް ޖޯކު ޖަހައިފި އެވެ.
"ފޯޗުގަލް ޓީމާ މެދު އެންމެ ބޮޑަށް ސަމާލްވާން ޖެހެނީ އެ ޓީމްގައި އެކްޓްކުރާ ކުޅުންތެރިން ގިނަ ކަމުން. އެއީ ރޮނާލްޑޯ އާއި ޕެޕޭ. އެ ދެ ކުޅުންތެރިންގެ އެކްޓިންނަށް ވަރަށް ބޮޑަށް ސަމާލްވާން ޖެހޭނެ. އެހްނެ ނޫނީ ލަނޑު ލިބޭނެ،" ލާގެބެކް ބުންޏެވެ.
އޭނާ ބުނީ ރޮނާލްޑޯގެ ހުނަރާ މެދު އެއްވެސް ވަރަކަށް ސުވާލު ނޫފާއްދާ ކަމަށާއި ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅެތިކުޅުންތެރިންގެ ތެރެއިން ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ހަމައެކަނި މައްސަލައަކީ އެކްޓިން ބައި ބޮޑުކަން ކަމަށެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން ސަރަހައްދީ ބޮޑު މުބާރާތަކަށް އައިސްލެންޑް ކޮލިފައިވި މިއީ އަދި ފުރަތަމަ ފަހަރެވެ. ޔޫރޯ ކޮލިފައިންގައި ގަދަ ފަދަ ހޮލެންޑްއާ އެއް ގުރޫޕް އެއްގަ ލައްވާލި އައިސްލެންޑް އިން އެ މުބާރާތަށް ކޮލިފައިވީ ގްރޫޕް ދެވަނަ ޓީމްގެ ގޮތުގަ އެވެ.
"މިއީ އަހަރެމެންގެ ފުރަތަމަ ޔޫރޯ. ނަމަވެސް ޓީމްގެ ފަރާތުން މާބޮޑަކަށް އެކަމެއް ފެނިގެނެއް ނުދާނެ. ވަރަށް ގިނަ ދުވަސްވެއްޖެ އަހަރެމެން މި މުބާރާތަށް ތައްޔާރުވާތާ ވެސް. ޓީމް އޮތީ ވަރަށް ރަނގަޅަށް މިރޭގެ މެޗަށް ތައްޔާރު ވެފައި،" ލާގެބެކް ބުންޏެވެ.
ޕޯޗުގަލް އާއި އައިސްލޭންޑް މިރޭ ބައްދަލު ކުރާއިރު މީގެ ކުރިން ދެ ފަހަރަކު މި ދެ ޓީމްގެ ކުރިމަތިލުމެއް ވަނީ ފެނިގެން ގޮސްފަ އެވެ. އެއީ 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ގޮތުން ކުޅުނު ދެ މެޗެވެ.
އެ ދެމެޗު ވެސް ފަސޭހަކަމާ އެކު ޕޯޗުގަލް އިން ކާމިޔާބުކޮށްފައިވާ އިރު މިރޭ ރާއްޖޭ ގަޑިން 12:00ގައި އައިސްލެންޑް އިން ނިކުންނާނީ ޕޯޗުގަލް ކިބައިން ބަދަލިހިފައި ތާރީހް ބަދަލު ކޮށްލަން ކަމަށް ބެލެވެ އެވެ.