14 Jun 2016, 12:32
ދިމިޝްގު (ޖޫން 14): ރޯދަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ސީރިއާގެ ގާތްގަނޑަކަށް 224 މީހަކު މަރާލާފައިވާ ކަމަށް ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފި އެވެ.
އިނގިރޭސިވިލާތުގައި ހުންނަ އޮބްޒަވޭޓަރީން ބުނި ގޮތުގައި ޖޫން 6 އާއި 12އާ ދެމެދު ރަޝިއާ އާއީ ސީރިއާގެ އަސްކަރިއްޔާ އިން އެގައުމަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން މަދުވެގެން 148 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި 50 ކުޑަކުދިންނާއި 15 އަންހެނުން ހިމެނޭ ކަމަށް ވެސް އޮބްޒަވޭޓަރީން ބުންޏެވެ.
މިހަފްތާގެ އާދިއްތަ ދުވަހު ސީރިއާގެ އިދްލިބަށް ދިން ހަމަލާއެއްގައި އެކަނި ވެސް 40 މީހަކު މަރުވެފައިވާ އިރު އެހަމަލާ ދިން ކަމަށް ސީރިއާ ހަނގުރާމަ މޮނިޓާ ކުރާ ފަރާތްތަކުން ބުނަނީ ރަޝިއާ އެވެ. ނަމަވެސް، ރަޝިއާ އިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އިދުލިބަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ރަށެކެވެ.
ސީރިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކާއި އިސްލާމިކް ސްޓޭޓް [އައިއެސް] އިން ދިން ހަމަލާތަކުގައި 12 މީހަކު މަރުވެފައިވާ ކަމަށް ވެސް އޮބްޒަވޭޓަރީން ބުނެފައިވެ އެވެ.
މީގެ އިތުރުން، އައިއެސް އާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދިން ހަމަލާތަކުގައި 12 މަދުވެގެން 12 މީހަކު މަރުވެފައިވާ ކަމަށް އޮބްޒަވޭޓަރީން ބުންޏެވެ.
ސީރިއާގެ ހަނގުރާމަ ފެށުނުތާ ފަސް އަހަރު ވެފައިވާ އިރު އެހަނގުރާމައިގައި 280،000 މީހުން މަރުވެފައިވެ އެވެ. އަދި ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައި ކަމަށް ޔޫއެން އިން ލަފާ ކުރެ އެވެ. (އަލްޖަޒީރާ)