17 May 2011, 13:17
ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ފަރާތަށް ހެކިން ނުދައްކައި އަޑު ބަދަލުކޮށްގެން ހެކިބަސް ނުނެގުމަށް، މުޖްތަމައުއަށް ނުރައްކާތެރި ކަމަށް ފުލުހުން ބުނެފައިވާ ގދ. ފަރެސްމާތޮޑާ، އަލި، ހައްސާން އަލީގެ ވަކީލު މިއަދު އެދިވަޑައިގެންފި އެވެ.
ހެކިންނާ އެއް ހާޒިރެއްގައި ހެކިބަސް ނެގުމަށް ވަކީލު އެދިވަޑައިގެންނެވި އިރު ކްރިމިނަލް ކޯޓުން މިހާރު ނިންމާފައި ވަނީ ނުރައްކާތެރި މާރާމާރީ ފަދަ މައްސަލަތަކުގައި އޯޑިއޯ ލިންކެއް މެދުވެރިކޮށް ހެކިންގެ އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމަށެވެ.
ކަތިވަޅިއަކުން މީހަކަށް ހަމަލާދިން މީހަކު ފިލުވި ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން ހައްސާންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި އޭނާގެ ވަކީލު މިއަދު އެދިވަޑައިގަތީ އެ މައްސަލައިގެ ހެކިން ކޯޓަށް ހާޒިރު ކުރާ ނަމަ ދައުވާ ލިބޭ ފަރާތާ އެއް ހާޒިރަކަށް ނުގެނެސް އަޑު ބަދަލުކޮށްގެން ހެކިބަސް ނުނެގުމަށެވެ.
ވަކީލު ވިދާޅުވީ ހައްސާނުގެ ޝަރީއަތަށް ފުލުހުން އޭނާ ހާޒިރުކުރާ އިރު އޭނާގެ އަތުގައި ވަޅިއެއް ނޯންނަ ކަމަށާއި އޭނާއަކީ ނުރައްކާތެރި މީހެއް ނޫން ކަމަށެވެ. އަދި ފޮރުވައިގެން ހުރެ ހެކިބަސް ނެގުމުގެ ބޭނުމެއް ނެތް ކަމަށް އިޝާރާތް ކުރައްވަމުން ވަކީލު ވިދާޅުވީ ފޮރުވައިގެން ހުރެ ހެކިންގެ ހެކި ބަސް ނެގުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ.
މީގެ އިތުރުން ވަކީލު ވިދާޅުވީ ފޮރުވައިގެން ހުރެ ހެކިންގެ ހެކިބަސް ނެގުމަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ އ. ގެ ރޫހާ ވެސް ހިލާފް ކަމެއް ކަމަށެވެ. އަދި ޝަރީއަތުގައި މަޖިލީހުގައި ދެ ހަސްމުން ވެސް ހަމަހަމަވާން ޖެހޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލުގެ ވާހަކަތައް ނިމުމުން އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދައުލަތުން އެ މައްސަލައިގައި ދެ ހެކިން ޝަރީއަތަށް ހުށަހަޅާފައި ކަމަށެވެ. ގާޒީ ވިދާޅުވީ ހެކިންގެ ނަން ޝަރީއަތަށް ހާމަ ނުކުރައްވާނެ ކަމަށެވެ. އަދި އެމީހުން ކޯޓަށް ހާޒިރުކޮށް ހެކިބަސް ނަގަންވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ހައްސާންގެ ދިފާއުގައި ވަކާލާތު ކުރައްވަމުން އޭނާގެ ވަކީލު ޝަރީއަތުގައި މިއަދު ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން ބުނާ ބުނުން ފިޔަވައި ހައްސާނާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި ހައްސާނާ ދެކޮޅަށް ދައުވާ ކުރަނީ ވަކި މަގްސަދެއް ހާސިލް ކުރުމަށްޓަކައި ހައްސާނަށް އަނިޔާއެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
މީގެ އިތުރުން ވަކީލު ވިދާޅުވީ މި މައްސަލައިގައި ޕީޖީ ދައުވާ ކުރައްވާފައިވާ އިރު ގާނޫނު އަސާސީގައި ބަޔާންކުރާ ހަމަހަމަކަން ވެސް ގެއްލިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްސާން ފިލުވި ކަމަށް ބުނާ ހ. އަގި، އަސީލް އިސްމާއިލްގެ ޝަރީއަތް ވެސް މިއަދު އޮތެވެ. ނަމަވެސް އޭނާ އަށް ގާނޫނީ ވަކީލެއް ހަމަނުޖެހޭތީ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. އަސީލް މިއަދު ޝަރީއަތުގައި ބުނީ ވަކީލެއް ހަމަނުޖެހުނީ ފޯން ކޯލެއް ނުލިބުގެން ކަމަށާއި ފޯން ކޯލެއް ކުރުމުގެ ފުރުސަތު ލިބުނީ މިއަދު އަތޮޅުވެއްސަށް ގެންދިއުމުން ކަމަށެވެ. އަދި މާދަމާ މައްސަލަ ބޭއްވި ނަމަވެސް ވަކީލަކު އައްޔަން ކުރާނެ ކަމަށް އަސީލް ބުންޏެވެ.
ގާޒީ މި މައްސަލައިގެ އަޑުއެހުން ނިންމަވާލެއްވީ މާދަމާ މައްސަލަ ބާއްވާއިރު ވަކީލު އައްޔަންނުކޮށްވާ ނަމަ ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދިއުމަށް އަސީލް އެއްބަސްވުމުންނެވެ.
އެ މައްސަލައިގައި އަސީލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައި ވަނީ އަސީލާއި ގދ. ހައްސާން އަލީއާ ދެ މީހުން ޑިސެމްބަރު 3، 2010 ގައި ބޮޑުތަކުރުފާނުމަގު އަތޮޅުވެހި ކައިރީގައި ތިއްބައި އެތަނަށް ދިޔަ އިތުރު މީހަކާ އެކު ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި ގާޑިއަލެއްގައި އޮތް ކަތިވަޅެއް ނެގުމަށް ފަހު އެތަނަށް ފަހުން އައި މީހާގެ ގައިގެ އެކިތަންތަނުގައި ވަޅިން ޖަހައި ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.