ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމް ބައްސަވަމުން ގެންދަވާ ކަދުރަކީ ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ބައްސަވަމުން ގެންދަވާ ތަކެތި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވެއްޖެ އެވެ.

ރައީސްގެ އަނބިކަނބަލުން ހިންގަވާ ޞަދަޤާތް ފައުންޑޭޝަނުން ބަހަމުން ގެންދާ ކަދުރަކީ ސައުދީ އަރަބިޔާއިން ދިވެހި ރައްޔިތުންނަށް ބަހަންދިން ކަދުރުކަމަށް ބުނެ ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެކަމާ ގުޅިގެންސަން އިން ސުވާލުކުރުމުން މުއާޒު ވިދާޅުވީ، މެޑަމް ފާޠިމަތު އިބްރާހީމް ކުރައްވާ އިޖުތިމާއީ ކަންކަމަށް ހޭދަކުރައްވަނީ އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށެވެ.

އެހީ ބޭނުންވާ ފަރާތްތަކަށް ގޮނޑި، އަސާ ފަދަ ތަކެތިވެސް ދެއްވަނީ "ވަގަށް" ނަގައިގެން ނޫން، ކަމަށާއި އެހެންކަމުން "ކަދުރުކޮޅެއް" ވަގަށް ނަގަން ނުޖެހޭ ކަމަށް މުއާޒު ވިދާޅުވި އެވެ.

"ކަދުރު ކޮޅެއް އެކަމަނާ ނުޖެހޭކަން ނޭނގެ ވަގަށް ނަންގަވާކަށް ނުވަތަ ނާޖާއިޒު ގޮތެއްގައި އޭގެ ބޭނުން ކުރައްވާކަށް. އެކަމަނާ ކުރިއަށް ގެންދަވާނީ އެކަމަނާއަށް އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކުގެ އެހީތެރިކަމާއެކު،" މުއާޒު ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީން ހަދިޔާކުރި ކަދުރު ދަނީ އެކަމަށް ކަނޑައެޅިފައި އޮންނަ އުސޫލުގެ މަތިން ބަހަމުންނެވެ.