ރާއްޖޭގެ އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާ ކުރުމާ މެދު ހައިރާންވެ، ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނާ ޒައިދު ރާއަދު އަލް ހުސައިން ވިދާޅުވެއްޖެ އެވެ.

ސްވިޓްޒަލެންޑްގެ ޖެނީވާގައި އިއްޔެ ފެށި، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 32 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭގޮތުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް މައުލޫމާތު ދެއްވަމުން، ޕްރިންސް ޒައިދު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ކަމަށެވެ.

އަދި ވަކިން ޚާއްސަކޮށް، ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ އިދިކޮޅު ސިޔާސީ ލީޑަރުންނާ ދެކޮޅަށް ޓެރަރިޒަމާ ގުޅުން ހުރި ދައުވާތައް ކުރުމާއި، އަސާސީ ހައްގުތަކަށް ބުރޫ އަރާފަދަ ގޮތަކަށް ރާއްޖޭގައި ހަދަމުންދާ އެކިއެކި ގަވައިދުތަކާއި އުސޫލުތަކާ މެދު ވަރަށް ބޮޑަށް ހައިރާންވެ، ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ޒައިދު ވިދާޅުވީ ކަންކަމާ މެދު މަޝްވަރާ ކުރުމަށް ރާއްޖެ އިން އަބަދުވެސް ތައްޔާރަށް އޮންނަ ކަމަށް ބުނާ ކަމަށެވެ.

އަދި، އދ.ގެ ހިއުމަން ރައިޓްސް ހައިކޮމިޝަންގެ އޮފީހުން، ރާއްޖެ އަށް އިދާރީ އަދި ގާނޫނީ އިސްލާހުތަކެއް ގެނެސް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރަށް އޮންނާނޭ ކަމަށް އދ.ގެ ހައިކޮމިޝަނަރު ފޯ ހިއުމަން ރައިޓްސް ވިދާޅުވި އެވެ.

ރާއްޖެއަކީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ހިމެނޭ ގައުމެކެވެ. ރާއްޖެ މިހާރު ދަނީ އެ ކައުންސިލްގެ މެމްބަރުކަމުގެ ދެވަނަ ދައުރެއް ފުރިހަމަ ކުރަމުންނެވެ. ރާއްޖެ އެ ކައުންސިލަށް އިންތިޚާބުވީ 2014 ވަނަ އަހަރު އެވެ. މި ދައުރު ހަމަވާނީ މި އަހަރު އެވެ.

އިއްޔެ ޖެނީވާގައި ފެށުނު އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 32 ވަނަ ބައްދަލުވުން ދިމާވަނީ ރާއްޖެ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ގުޅުނުތާ 10 އަހަރު ފުރޭ މުނާސަބަތާ އެވެ. އިއްޔެ ފެށި ސެޝަން، ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ.

އެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ޑެލެގޭޝަންގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ދާއިމީ ސަފީރު ޑރ. ހާލާ ހަމީދާއި ދާއިމީ ސަފީރުގެ ނައިބު ޖެފްރީ ސާލިމް ވަހީދެވެ. މީގެ އިތުރުން ވެސް، ރާއްޖޭގެ ދާއިމީ މިޝަނުގެ ބައެއް ބޭފުޅުންނާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ ދެ ބޭފުޅަކު ވެސް މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ އެވެ.