14 Jun 2016, 11:10
ކުއަލަލަމްޕޫރު (ޖޫން 14): މެލޭޝިއާގެ ފުރަތަމަ އިސްލާމިކް އެއާލައިނުން އޭވިއޭޝަން ގަވާއިދުތަކާ ހިލާފަށް އަމަލު ކުރުމުގެ ސަބަބުން އެއާލައިންގެ ފްލައިޓުތައް އުދުހުން މަނާކޮށްފި އެވެ.
މެލޭޝިއާގެ ޑިޕާޓްމެންޓް އޮފް ސިވިލް އޭވިއޭޝަން (ޑީސީއޭ) އިން ބުނި ގޮތުގައި އެ އެއާލައިންގެ ފްލައިޓްތައް އުދުހުން އިއްޔެ މަނާކޮށްފައި ވަނީ އެއާލައިންގެ "އެޑްމިނިސްޓްރޭޝަން އަދި ސޭފްޓީ އޮޑިޓްގެ ތަހުގީގަކަށް" ފަހުގަ އެވެ.
ޑީސީއޭ އިން އާއްމު ކުރި ބަޔާނެއްގައިވާ ގޮތުން ރަޔާން އެއާއިން ވަނީ "އެއާ ސާވިސް ލައިސެންސް [އޭއެސްއެލް]ގެ ޝަރުތުތަކާ ހިލާފުވެފަ އެވެ. އަދި ކޮމާޝަލް އެއާލައިނެއް ހިންގުމުގެ މާލީ އަދި މެނޭޖްމެންޓް ކެޕޭބިލިޓީއެއް އެއެއާލައިންގައި ނެތެވެ."
ޑީސީއޭ އިން ރަޔާނީ އެއާގެ އޮޕަރޭޝަންތައް ތަހުގީގު ކުރަން ފެށީ މުސާރަ ނުލިބުމުގެ ސަބަބުން ޕައިލަޓުން ހަޅުތާލު ކުރަން ފެށުމުގެ ސަބަބުންނާއި އެއާ ގުޅިގެން ގިނަ ފްލައިޓްތައް ފަހު ވަގުތު ކެންސަލް ކުރަމުން ދިޔުމުގެ ސަބަބުންނެވެ.
މީގެ އިތުރުން، އެއާލައިންގެ ފްލައިޓަކުން އަތުން ލިޔެފައިވާ ބޯޑިން ޕާސް ދިން ކަމުގެ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. ރަޔާނީ އެއާއިން ބުނެފައި ވަނީ އެގޮތަށް ބޯޑިން ޕާސް ހަދަން ޖެހުނީ ކޮމްޕިއުޓާ ގްލިޗެއްގެ ސަބަބުން ކަމަށެވެ.
ރަޔާނީ އެއާލައިނުން ދިޔައީ މެލޭޝިއާގައި އެއެލާއިނުން ކުރާ ދަތުރުތައް އިތުރުކޮށް، ހައްޖާއި އުމްރާއަށް މައްކާއަށް ދަތުރުތައް ފަށަން ރާވަމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެއެއާލައިންގެ ފްލައިޓްތަކުން ކޮންމެ ދަތުރެއް ފެށުމުގެ ކުރިން ދުއާ ކުރެ އެވެ. ފްލައިޓުން ފޯރުކޮށްދެނީ ހަމައެކަނި ހަލާލް ކާނާ އާއި ބުއިންތަކެވެ. އެހެން ކަމުން ފްލައިޓް މަތީގައި ބަނގުރާ ބުއިމަކީ މުޅިން މަނާކަމެކެވެ. (އޭއެފްޕީ)