14 Jun 2016, 11:03
އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު "ހުޅުދާން" ފިލްމު ޝުވެކް ސިނަމާގައި އަޅުވަން ނިންމާފައިވާ ކަމަށް، ޑާކް ރެއިން އެންޓަޓައިންމަންޓުން ބުނެފި އެވެ.
"ހުޅުދާން" އަކީ އުމުރުން ދުވަސްވުމުން މަސައްކަތުން މުސްކުޅިކުރާ މީހެއްގެ ހަޔާތަށް އަންނަ ނަފުސާނީ ކިލަނބުކަމެއްގެ މައްޗަށް ބިނާކޮށް، ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ)ގެ އަންހެނުން، އައިޝަތު ފުއާދު ލިޔެ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.
ހުޅުދާންގެ މަންޒަރެއްގައި މަޖޫ އަދި ރަވީ: ޖުލައި 14 ވަނަ ދުވަހު އެ ފިލްމު ޝުވެކް ސިނަމާގައި އަޅުވަން ވަނީ ނިންމާފައި ---
އެ ފިލްމު ރިލީޒްކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އޮލިމްޕަހުގައި ދައްކާފައި ވަނީ އެ ފިލްމުގެ އެންމެ ޝޯ އެކެވެ.
ޑާކް ރެއިން އިން ބުނީ މިފަހަރު ޝުވެކް ސިނަމާގައި އެ ފިލްމު ރިލީޒް ކުރާ އިރު، އެއީ ފިލްމުގެ ވައިޑް ރިލީޒް ކަމަށެވެ.
މޮގާ ޕްރޮޑިއުސް ކުރި އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ތަޖުރިބާކާރު އެކްޓަރު ރޯނު ހަސަން މަނިކު އެވެ. އެ ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ހިމެނެނީ މަރިޔަމް މަޖުދާ (މަޖޫ)، ރަވީ ފާރޫގް، މުހައްމަދު ފައިސަލް އަދި މަރްޔަމް ޝަކީލާ އެވެ.