ރޭ މާލޭގައި ހިންގި ގްރޫޕް މާރާމާރީއެއްގައި މީހެއްގެ ގަޔަށް ވަޅި ހަރައި، ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ދެ ކުޑަކުދިންނާއި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މާރާމާރީ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއްގެ އިތުރުން 18 އަހަރުން މަތީގެ ފިރިހެނެއް ކަމަށެވެ. އެ އެންމެންނަކީވެސް ދިވެހިންނެވެ.

ރޭ 22:00 ހާއިރު މާރާމާރީ ހިންގާފައި ވަނީ ހެންވޭރު ނޫރު މިސްކިތް ހިމެނޭ ސަރަޙްއަދުގައެވެ. އެ މާރާމާރީގައި 21 އަހަރުގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވާއިރު، އޭނާއަށް އޭޑިކޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ރޭ ވިދާޅުވީ، މާރާމާރީ އަކާ ގުޅިގެން އެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި ނަމަވެސް ލިބިފައިވާ ޒަހަމްތަކުން އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށެވެ.

މިއީ މާރާމާރީ އިތުރުވެފައިވާ ދުވަސްވަރަކަށް ވާއިރު މީގެ ހަފްތާއެއްހައި ދުވަސްކުރިން މާލޭގައި ހިންގި ދެ މާރާމާރީއެއްގައި ވަނީ 14 އަހަރުގެ ދެކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ މަރާލައިފައެވެ.

އަދި މާރާމާރީތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވަމުން އަންނަކަން ވެސް ވަނީ ފާހަގަވެފައެވެ.