14 Jun 2016, 10:45
އަހަރެން އުޅެ ބޮޑުވީ، ދީނަކީ ނެތް އެއްޗެއްގެ ގޮތުގައި ބަލަމުން ދިޔަ މާހައުލެއްގައެވެ. އަހަރެންނާއި އަހަރެންގެ އާއިލާއިން ގަބޫލުކުރީ ކަލަކު ވޮޑިގެން ނުވާ ކަމަށެވެ. އަދި އަހަރެމެންގެ އާއިލާއިން އެއްވެސް ދީނެއް ގަބޫލެއް ނުކުރެ އެވެ.
ނަމަކީ ކެރެން އެވެ. އަހަރެން އުޅެ ބޮޑުވީ އެމެރިކާގެ ލުއިސްވިލްގައެވެ. އަހަރެން ކިޔަވާ ނިންމުމަށްފަހު ވަޒީފާއަށް ދާން ފެށީމެވެ. އަދި ލޯބީގެ ގޮތުން، ކްރިސްޓިއަނަކާ ގުޅުނީމެވެ. އޭނާގެ ނަމަކީ އެރިކް އެވެ. އަހަރެމެން ގުޅުނު ފަހުން ކައިވެނި ކުރަން ވެސް ނިންމީމެވެ. ނަމަވެސް އަހަރެމެން ކައިވެނި ކުރަން އޮތް ތާރީޚުގެ ގާތްގަނޑަކަށް ފަސް މަސް ކުރިން އެރިކް އަހަރެންގެ ގާތުގައި އާޝޯޚުވާ ފަދަ ވާހަކައެއް ބުންޏެވެ. އޭނާ އިސްލާމް ދީން ގަބޫލުކޮށް، މުސްލިމަކަށް ވާން އުޅޭ ވާހަކަ އެވެ. އޭނާ އަހަރެންނަށް ނާންގައި، އިސްލާމްދީނުގެ ކަންކަން ވަރަށް ރަނގަޅަށް ދަސް ކުރަމުން ދިޔައެވެ.
އަހަރެން ހީކުރީ ބަޔަކު ވެގެން އޭނާގެ ވިސްނުމަށް ނުފޫޒު ފޯރުވައި، ބްރެއިންވޮޝް ކުރަމުން ދަނީ ކަމަށެވެ. އޭނާ ކުއްލިއަކަށް އޫރުމަސް ކެއުން ހުއްޓާލި އެވެ. ރާ ބުއިން ހުއްޓާލި އެވެ. ގޭތެރޭގައި ނަމާދު ކުރެ އެވެ. މިއީ އަހަރެންނަށް ވަރަށް އާ ކަންތައްތަކެކެވެ. އަހަރެންނަކަށް ނުވިސްނުނެވެ. އޭނާ އިސްލާމްވީ ކީއްވެގެން ހެއްޔެވެ؟
އެރިކްއާ އަހަރެން ކައިވެނި ކޮށްފީމެވެ. އޭނާގެ އިސްލާމީ އަގީދާއަކަށް ބަދަލެއް ނާދެ އެވެ. އެކަމަށް އަހަރެން ވެސް ޝައުގުވެރިވެއްޖެ އެވެ. އަހަރެންގެ ހިތުގައި އުފެދިފައިވާ އެތައް ސުވާލެއްގެ ޖަވާބު ދޭނީ އޮތީ އިސްލާމް ދީނުގައި ހެއްޔެވެ؟ މިހެން ހިތަށް އަރައި، އަހަރެންގެ މުސްލިމު ފިރިމީހާއަށް ނޭނގި، އޭނާ ވަޒީފާއަށް ދާ ވަގުތުތަކުގައި އަހަރެން އޭނާގެ އިސްލާމީ ފޮތްތައް ކިޔަން ފެށީމެވެ.
އިސްލާމްދީން އަހަރެން އެދީނަށް ޝައުގުވެރި ކޮށްލައިފި އެވެ. އެކަމަކު އަހަރެން އެ ދީނަށް ޝައުގުވެރިވީ އަހަރެންގެ ފިރިމީހާގެ ދީނަށް ވީތީ ނޫނެވެ. އަހަރެން ބޭނުންވީ އަހަރެންގެ ހިތަށް ފިނިކަމާއި ހިތްހަމަޖެހުން އެ ދީނުން ގެނެސްދޭތޯ އަމިއްލައަށް ބަލައި، އެކަމުގެ އިހްސާސް ކުރުވުމަށެވެ. އެކަން ވެއްޖެ އެވެ. އިސްލާމްދީނަކީ އެންމެ މަތިވެރި ދީންކަން އަހަރެންނަށް ވިސްނުނެވެ.
ވީ އުފަލެއް ވެސް ނޭނގުނެވެ. ދީން ގަބޫލު ނުކުރާ މީހެއްގެ ގޮތުގައި ކުރިން ހުރެވުނީ ވެސް ނަސީބަކުންނެވެ. އަހަރެންނަކީ ނަސާރާއެއް ނަމަ އެ ދީނުގެ އަގީދާ ދޫކޮށްލުން ވާނީ އުނދަގޫ ކަމަކަށެވެ. ނަމަވެސް އަހަރެން އެތީސްޓެއްގެ ގޮތުގައި ހުރީތީ އަހަރެން ދޫކޮށްލަންޖެހޭ އަގީދާއެއް ނެތެވެ. ލިބެން ޖެހޭ އަގީދާ ހިތުތެރެއަށް ވައްދައި، އެ އަގީދާއިން ހިތް ހިސާރު ކޮށްލުން ވީ ފަސޭހަ ކަމަކަށެވެ. މި ދީނުގައި އަންގަވާފައިވާ ކަންކަމަކީ ބުއްދި ގަބޫލުކުރާ، ހަމަޖެހޭ ކަންކަމެވެ.
ފިރިމީހާއަށް އަދިވެސް ނާންގަމެވެ. އޭނާގެ ޢިލްމީ ފޮތްތައް ކިޔައި، އަހަރެން އިސްލާމް ވެއްޖައީމެވެ. އެންމެ ފަހުން ފިރިމީހާއަށް ވެސް މިކަން ހިއްސާ ކުރީމެވެ. އޭނާއަށް ވީ އުފަލެއް ބަޔާން ކޮށްދޭން އަހަރެންނަކަށް މިއަދާ ހަމައަށް ވެސް ނޭނގެ އެވެ.
އަހަރެން މުސްލިމަކަށް ވެގެން އުޅުނީ ސިއްރިއްޔާތުގައެވެ. އިސްލާމީ ވައްޓަފާޅިއަށް ހެދުން އަޅަންޖެހޭކަން ވެސް އެނގެ އެވެ. ނަމަވެސް ފުރަތަމަ ކޮޅު ނުކެރުނީ އެވެ. އަބާޔާއާއި ހިޖާބު އަޅައިގެން އަހަރެން އުޅެނީ، އަހަރެންނަކީ ކާކުކަން ދަންނަ މީހުން ނޫޅޭ ތަންތަނުގައެވެ. އެކަމަކު ފަހުން އެ ވިސްނުންވެސް ދޫކޮށްލައި، އެކިއެކައްޗަކަށް އިސްލާމީ ހެދުން އަހަރެން އަޅަން ފެށީމެވެ.
އަހަރެންނަށް ހިދާޔަތާއި ހައްގު އަގީދާ ލިބި، މުސްލިމަކަށް ވުމުން އެންމެ އުފާވި ބަޔަކީ އަހަރެންގެ މައިންބަފައިންނެކޭ ނުބުނެވޭނެ އެވެ. މަންމައާއި ބައްޕަ ވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. އަހަރެން ހިޖާބު އަޅައި، އަބާޔާ ލައިގެން ގެޔަށް ދިޔަ ދުވަހު ބައްޕަ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދުވަސްކޮޅަކަށް އަހަރެންނާ ގުޅުން ވެސް ކަނޑާލި އެވެ. ނަމަވެސް މިހާރު އެކަން ކުޑަކޮށް ރަނގަޅު ވެއްޖެ އެވެ. ބައްޕަ އަހަރެންގެ ކައިރީގައި ބުނީ، އަހަރެންނަކީ ބައްޕަގެ ދަރިއަކަށް ވީތީ ލޯބިވާ ކަމަށެވެ. އެހެން ނަމަވެސް ބައްޕަމެންނާ ނުގުޅޭ ކަންކަން ކުރުމަކީ އެ ލޯތްބަށް ބުރޫ އަރާފާނެ ކަމެއް ކަމަށް ބައްޕަ ބުންޏެވެ.
މަންމަ ބުނަމުން ދިޔައީ ހިޖާބު ނެގުމަށެވެ. އަހަރެންގެ އިސްތަށިގަނޑަކީ ފޮރުވައިގެން ގެންގުޅުމަށް ވުރެ މާ ފަރި ޗާލު އިސްތަށިގަނޑެއް ކަމަށް މަންމަ ކިޔަމުން ދިޔައެވެ. އަހަރެންގެ އާއިލާ އަހަރެންގެ އަގީދާއާ ދިމާ އިދިކޮޅެވެ. ނަމަވެސް މިއީ އާއިލާއަށް ވުރެ މުހިންމު ކަމެކެވެ. މަންމައާއި ބައްޕައަށް އެމީހުންގެ، ދީނެއް ނެތް އަގީދާ އެވެ. އަހަރެންނަށް އަހަރެންގެ ލޮބުވެތި އިސްލާމް ދީނެވެ.