14 Jun 2016, 09:50
ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ޗެކް ރިޕަބްލިކް އަތުން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން މޮޅުވެފައި ވަނީ "އަމިއްލަ ގޮތަށް" ކުޅުމުން ކަމަށް އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދުރޭސް އިނިއެސްޓާ ބުނެފި އެވެ.
"ގްރޫޕް ޑީ"ގައި އިއްޔެ ކުޅުނު މެޗުގައި ޗެކް ރިޕްބަލިކް އަތުން ސްޕެއިން މޮޅުވީ 1-0 ލަނޑުންނެވެ. އިނިއެސްޓާ ދިން ބޯޅައަކުން ސްޕެއިންގެ ލަނޑު، މެޗު ނިމެނިކޮށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ.
އިއްޔެ ކުޅުނު އެ މެޗުގައި ވިސެންޓެ ޑެލް ބޮސްކޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ސްޕެއިނުން މޮޅު ކުޅުމެއް ދައްކާފައިވެ އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، އާންމުކޮށް ކުޅެމުންދާ ކުޅުން ސްޕެއިންގެ ފަރާތުން ފެނިފައިވާ އިރު، އެ ޓީމުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ހޯދާފައިވެ އެވެ.
"އަހަރެމެން ކުރިން ވެސް މިގޮތަށް ކުޅެން. އަހަރެމެންނަށް ލަނޑެއް ޖެހެންދެން އެގޮތަކަށް ކުޅެން. އެމީހުންނަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބުނު. ފުޓްބޯޅައަކީ އެކަހަލަ އެއްޗެއް. ބައެއް ފަހަރު ކިތަންމެ ގިނަ ވަގުތު ބޯޅަ ގެންގުޅުނަސް، މޮޅު ނުވެވިދާނެ. މެޗުގައި އަހަރެމެން ގިނަ ކަންތައްތަކެއް ހާސިލްކުރިން. އެއީ އަހަރެމެންގެ ވިސްނުން. އަހަރެމެންގެ ޓީމަކީ ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ފަދަ ފެންވަރު ހުރި ޓީމެއް،" އުމުރުން 32 އަހަރުގެ އިނިއެސްޓާ ބުންޏެވެ.
އިއްޔެގެ މެޗާ ބެހޭ ގޮތުން ސްޕެއިންގެ ޑިފެންޑަރު ހުއާންފްރާން ބުނީ، ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗަކީ ވަރަށް ރަނގަޅު މެޗެއް ކަމަށާއި މަސައްކަތް ކޮށްގެން އެންމެ ފަހު ވަގުތު ލަނޑެއް ޖެހުނު ކަމަށެވެ.
ޔޫރޯގައި ސްޕެއިން ކުޅޭ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނަން ޖެހޭނީ ތުރުކީއާ ދެކޮޅަށެވެ. މުބާރާތުގައި ތުރުކީ ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން 1-0 ލަނޑުން ވަނީ ބަލިވެފަ އެވެ.