ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި ޗެކް ރިޕަބްލިކް ކޮޅަށް ލަނޑު ޖެހުމަށް ސްޕެއިންގެ އަންދްރޭސް އިނިއެސްޓާ ދިން މޮޅު ބޯޅަ އަށް އެ މެޗުގައި އޭނާގެ ބޯޅައިން ލަނޑުޖެހި ޖެރާޑް ޕީކޭ ތައުރީފް ކޮށްފި އެވެ.

ޕީކޭގެ ލަނޑުން އިއްޔެ ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިނުން ވަނީ ޔޫރޯގެ ފެށުން ރަނގަޅުކޮށްފަ އެވެ. އެ މެޗުގައި ޕީކޭ ލަނޑު ޖަހާފައި ވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ.

"އިނިއެސްޓާ ދިނީ ވަރަށް މޮޅު ބޯޅައެއް. އަހަރެންގެ ނަސީބު ރަނގަޅު ކަމުން ލަނޑު ޖެހުނީ. މުޅި ޓީމުގެ ކުޅުން ވެސް ވަރަށް ރަނގަޅު،" ސްޕެއިންގެ ކޮމާޝަލް ޓީވީ ޗެނެލްޓެލެސިންކޯއަށް ދިން އިންޓަވިއުއެއްގައި ޕީކޭ ބުންޏެވެ.

ޕީކޭ ބުނީ، ސްޕެއިނުން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލުމަށް އުނދަގުލާ ކުރިމަތިވި ކަމަށާއި މެޗުގައި މަސައްކަތްކުރީ އެޓޭކުކޮށް ކަނޑައަޅާފައިވާ ޓާގެޓް ހާސިލު ކުރުމަށް ކަމަށެވެ.

"އަހަރެމެން ބޭނުންވީ މޮޅެއް ހޯދަން. އަހަރެމެން ދެކުނީ ތިން ޕޮއިންޓަކީ ވަރަށް މުހިންމު އެއްޗެއްގެ ގޮތުގައި. އެގޮތުން އަހަރެމެން ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށް، އެކަން ހާސިލުކުރެވޭތޯ މަސައްކަތްކުރީ،" އޭނާ ބުންޏެވެ.

ޔޫރޯގެ "ގްރޫޕް ޑީ"ގައި ސްޕެއިން ކުޅޭ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނަން ޖެހޭނީ ތުރުކީއާ ދެކޮޅަށެވެ. މުބާރާތުގައި ތުރުކީ ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން 1-0 ލަނޑުން ވަނީ ބަލިވެފަ އެވެ.