ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ "ގްރޫޕް އީ"ގައި ބެލްޖިއަމް ބަލިކޮށް، އެންމެ ފަހުގެ ރަނަރަޕް އިޓަލީން ފެށުން ރަނގަޅުކޮށްފި އެވެ.

ލިޔޯންގެ ޕާކް އޮލިމްޕީކް ލިޔޯނޭސްގައި ބެލްޖިއަމްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި އިޓަލީން ކުރި ހޯދީ 2-0 ލަނޑުންނެވެ.

ގްރޫޕް ސްޓޭޖުގެ އެންމެ ވަރުގަދަ އެއް މެޗުގެ ގޮތުގައި ފާހަގަކުރެވުނު އެ މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމްއިން ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފަން ބަލަހައްޓަމުންދިޔަ އިޓަލީގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ބެލްޖިއަމްގެ ރާޑިއާ ނައިގޯލާން އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އިޓަލީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި، ނައިންގޯލާން އުފެއްދި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ޔޫރޯގައި އިޓަލީ އާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-0 ލަނޑުން އިޓަލީ ކުރީގައި އޮވެގެން --- ފޮޓޯ: އޭޕީ

މެޗުގެ 32 ވަނަ މިނެޓުގައި އިޓަލީން ވަނީ ލަނޑެއްޖަހައި، ލީޑު ހޯދައިފަ އެވެ. އިޓަލީ އަށް ލިބުނު ހިލޭ ޖެހުމަކުން ބޮނޫޗީ ދިން ބޯޅައަކުން އިޓަލީ އަށް ލީޑު ހޯދައިދިނީ އެމަނުއެލް ގަކެރެނީ އެވެ. ބެލްޖިއަމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހުސްކޮށް ހުރެ، ގަކެރެނީ އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

އޭގެ ހަތަރު މިނެޓު ފަހުން ވެސް އިޓަލީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެންޓޯނިއޯ ކަންޑްރޭވާ އުފެއްދި ހަމަލާ، ބެލްޖިއަމްގެ ގޯލްކީޕަރު ތިބައުޓް ކޯޓުވާ މަތަކުރި އިރު، އިޓަލީ އަށް ލިބުނު ކޯނަރުން ގްރަޒިއާނޯ ޕެލޭ ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބޯޅަ ހިފަހައްޓައިގެން ބުފަންގެ ގޯލަށް ނުރައްކާ ކުރުމަށް ބެލްޖިއަމްގެ ކުޅުންތެރިން މަސައްކަތްކުރި ނަމަވެސް، އިޓަލީގެ ގޯލަށް މާ ބޮޑު ނުރައްކަލެއް އެ ޓީމަށް ކުރެވިފައެއް ނުވެ އެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން އިޓަލީ ކުރީގައި އޮވެގެންނެވެ.

މެޗުގެ 56 ވަނަ މިނެޓުގައި އިޓަލީ އަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ބެލްޖިއަމްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ޕެލޭ ބޮލުން އުފެއްދި ހަމަލާ، ހުޝިޔާރުކަމާއެކު ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ބެލްޖިއަމްގެ ޑިވޮކް އޮރިގީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް ކެވިން ޑި ބްރޭނާ ނަގައިދިން ރީތި ހުރަހަކުން އޮރިގީ ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ 86 ވަނަ މިނެޓުގައި އިޓަލީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އިޓަލީގެ ސިރޯ އިމޯބިލް އަށް ލިބުނު ފުރުސަތަކުން އުފެއްދި ހަމަލާ، ހުޝިޔާރުކަމާއެކު ބެލްޖިއަމްގެ ގޯލްކީޕަރު ކޯޓުވާ ވަނީ މަތަކޮށްފަ އެވެ.

ޔޫރޯގައި ބެލްޖިއަމް ކޮޅަށް ލަނޑު ޖެހުމަށްފަހު، އިޓަލީގެ ގަކެރިނީ އުފާފާޅުކުރަނީ: އެ މެޗު ނިމިގެންދިޔައީ 2-0 ލަނޑުން އިޓަލީ ކުރީގައި އޮވެގެން --- ފޮޓޯ: އޭޕީ

މެޗު ނިމެން ދަނިކޮށް، ބެލްޖިއަމް އަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޑި ބްރޭނާ ނަގައިދިން ހުރަސް، އިޓަލީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި އޮރިގީގެ ބޮލުގައި ލައްވާނުލި އިރު، މާރުއާން ފެލާނީ އަށް ބޯޅަ ލިބުމުގެ ކުރިން ކީޕަރު ބުފޮން ވަނީ އެ ބޯޅަ ހޯދައިފަ އެވެ.

އިޓަލީން މެޗުގެ ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ކަންޑްރޭވާ ނަގައިދިން ހުރަހަކުން ޕެލޭ ވަނީ ވަރަށް ރީތިކޮށް، ބެލްޖިއަމްގެ ގޯލަށް ފޮނުވާލައިފަ އެވެ.

ޔޫރޯގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ "ގްރޫޕް އެފް"ގެ ދެ މެޗެވެ. މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އޮސްޓްރިއާ އާއި ހަންގޭރީ އެވެ. އަދި މާދަމާ ރޭ 12:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލް އާއި އައިސްލެންޑެވެ. އެ މެޗުތަކަށްފަހު، ކޮންމެ ޓީމެއް ވެސް މުބާރާތުގައި އެއް މެޗު ކުޅެ ނިމޭނެ އެވެ.