ވެޓެރަންސް ކަޕްގައި ބީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-1 ނަތީޖާއަކުން ކުރި ހޯދައިގެން ކްލަބު ވެލެންސިއާއިން ކުޅުނު ދެ ވަނަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗު ފެށިގެން ބީޖީ އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް ވަނީ ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ވެލެންސިއާ އަށް ވަނީ ކައިރި ކައިރީ ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑް ނަގާފަ އެވެ.

ވެޓެރަންސް ކަޕްގައި ބީޖީ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ވެލެންސިއާގެ ފުރަތަމަ ގޯލު 12 ވަނަ މިނެޓްގައި މައުސޫމް ޢަބްދުލް ޣަފޫރު (މާސޭ) ކާމިޔާބު ކޮށްދިން އިރު ދެ ވަނަ ގޯލު 21 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ކުރީގެ ގައުމީ ޓީމާއި ވިކްޓްރީގެ ޑިފެންޑަރު އިސްމާޢީލް އަނިލް އެވެ.

ފުރަތަމަ ހާފު ދެ ގޯލުގެ ލީޑަކާ އެކު ވެލެންސިއާ އިން ނިންމާލިއިރު ދެ ވަނަ ހާފްގެ ކުރީ ކޮޅުގައި ކުރީގެ ގައުމީ ޓީމުގެ ފޯވާޑު އިސްމާއިލް މުހައްމަދު (އިއްސޭ) ކާމިޔާބު ކޮށްދިން އިރު ވެލެންސިއާގެ ފަހު ގޯލު 52 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ރަމީޒެވެ.

ވެލެންސިއާއަށް ލީޑު އިތުރަށް ފުޅާ ކުރުމައް ޕެނަލްޓީއެއް ލިބުނު ނަމަވެސް ބީޖީގެ ކީޕަރު ހަސަން ރަޝީދު ވަނީ އެ ޕެނަލްޓީ މަތަކޮށްފަ އެވެ.

ވެޓެރަންސް ކަޕްގައި ބީޖީ އާއި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެ މެޗުގައި ބީޖީ އަށް ސުން ކަނޑުވާލަ ދިން ގޯލު މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގައި ކާމިޔާބު ކޮށްދިނީ އާދަމް ލަރީފް (ރޮނާ) އެވެ.

އެ މުބާރާތުގައި މާދަމާ ހަވީރު 16:30 ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ނުކުންނާނީ ވާދަވެރި ވިކްޓްރީއާ ދެކޮޅަށެވެ. އެ މެޗު ވެސް ކުޅެނީ ކުޅިވަރު އެކުވެނީ އެއް ނަމްބަރު ޓާފް ދަނޑުގަ އެވެ.