ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަމުން އަންނަ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ކްލަބު އީގަލްސް ހިފަހައްޓައިފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ، އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ނަތީޖާއާއެކު އީގަލްސް އަށް ވަނީ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެމެދު އޮތް ފަރަގު ކުޑަކޮށްލެވޭ ގޮތް ނުވެފަ އެވެ. އީގަލްސް އަށް ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފައިވާ އިރު، މާޒިޔާ އަށް ހަތަރު މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ. އަދި ޔުނައިޓެޑް ވިކްޓަރީ ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ލީގުގެ ތިން ވަނައިގައެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މެޗުގެ 23 ވަނަ މިނެޓުގައި އަހްމަދު ރިޒްވާން އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ރިޒްވާން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ، އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ 27 ވަނަ މިނެޓުގައި އީގަލްސް އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި އަންސަރު އިބްރާހިމް (އަންކޮ) އުފެއްދި ހަމަލާ، ބިދޭސީ ކީޕަރު މަހްމަދޫ އަލީ ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 33 ވަނަ މިނެޓުގައި ވެސް އީގަލްސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޔޫވީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، ރިޒްވާން އުފެއްދި ހަމަލާ ފަސޭހަކަމާއެކު ކީޕަރު މަހްމޫދު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ 65 ވަނަ މިނެޓުގައި ޔޫވީން ނުރައްކާތެރި ހަމަލާއެއް އުފެއްދި އެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ޔޫވީގެ ބިދޭސީ ފޯވަޑް ކެރިޗް އަންދްރެޖް އުފެއްދި ހަމަލާ، ހުޝިޔާރުކަމާއެކު ބިދޭސީ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ، އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗު ނިމެން ދަނިކޮށް، އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ސެޑިކް އަށް ރަތް ކާޑެއް ދައްކާފައިވެ އެވެ. އޭނާ އަށް ރަތް ކާޑު ދައްކާފައި ވަނީ ޔޫވީގެ ބިދޭސީ ކުޅުންތެރިޔާ ރަފައެލް ބެތިމް މާޓް އަށް، ބޯޅަ ނެތިސް ހަމަލާ ދިނުމުންނެވެ. ސެޑިކް އަށް ރަތް ކާޑު ދެއްކުމުން އެކަމާ ހިތްހަމަ ނުޖެހިގެން ރެފްރީއާ ދިމާލަށް ބުނި އެއްޗަކުން އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ވެސް ބެންޗުން ފޮނުވާލާފައިވެ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާދަމާ ރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މާދަމާ ރޭ 10:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް އެވެ.