14 Jun 2016, 00:04
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޑެން އާއި އަޔަލޭންޑް ބައްދަލު ކުރި މެޗު 1-1ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމެއްޖެއެވެ.
މެޗު ފެށިގެން އަޔަލޭންޑް އިން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އިރު ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ސްވިޑަންގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް ރޮބީ ބްރެޑީ ފޮނުވާލި ހަމަލާ ގޯލު ދަނޑި ކައިރިން ބޭރަށް ދިޔަ އިރު އެންމެ ނުރައްކާތެރި ހަމަލާއެއް އުފެއްދީ ޖެފް ހެންޑްރިކް އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޑަން އާއި އަޔަލޭންޑް ކުޅުނު މެޗުގެ ތެރެއިން ---
ސްވިޑެން ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ހެންޑްރިކް ފޮނުވާލި ބޯޅަ އަމާޒްވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެ ހާފުގައި އަޔަލެންޑް އިން ވަނީ ސްވިޑެން އަށް ހަމަލާއެއް އުފައްދަން ފުރުސަތު ނުދީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުލެފައެވެ.
ދެވަނަ ހާފު ފެށިގެން ވެސް އަޔަލެންޑް އިން ރަނގަޅު ކުޅެމެއް ދެއްކި އިރު ގޯލެއް ޖެހުމަށް ކުރި ގިނަ މަސަތްކަތްތަކުގެ ނަތީޖާ އަކަށްވީ މެޗުގެ 48 ވަނަ މިނެޓްގައި ވެސް ހޫލަހަން ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނެގުމެވެ. އެ ގޯލު ހޫލަހަން ކާމިޔާބު ކުރީ ސީމުސް ކޮލަމަން ނަގައިދިން ހުރަސް ސްވިޑެން ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ހަމަޖެހިލާފަ ގޯލުގެތެރެއަށް ވައްދާލައިގެންނެވެ.
އަޔަލެންޑްގެ ގޯލަށް ފަހު ސްވިޑެން އިން އެ މީހުންގެ ކުޅުން ރަނގަޅުކޮށް ވަނީ މަޑުމަޑުން ގޭމުގެ ތެރެއަށް ވަދަ ގޯލެއް ޖެހޭތޯ މަސަތްކަތް ކޮށްފައެވެ. ދެވަނަ ހާފްގައި ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު ސްވިޑެން އަށް ނަތީޖާ އެއްވަރު ކޮށްދިން ގޯލަކީ އަޔަލެންޑްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ޒަލްޓަން އިބްރަހިމޮވިޗު ނަގައިދިން ހުރަސް ދިފާއު ކުރަން ސިއަރަން ކްލާކް ބޮލުން ޖައްސާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޑަން އާއި އަޔަލޭންޑް ކުޅުނު މެޗުގެ ތެރެއިން ---
މެޗަށް ފަހު ވާހަކަ ދައްކަމުން އިބްރަހިމޮވިޗު ބުނީ ނަތީޖާއާ މެދު ހިތް ހަމަ ޖެހޭ ކަމަށާއި ފުރަތަމަ ހާފްގައި ސްވިޑެން އަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ދެވަނަ ހާފްގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތް ހަމަ ޖެހޭ ކަމަށެވެ.