14 Jun 2016, 10:45
މިދިޔަ މަހު 18 ވަނަ ދުވަހު ލީކްވެފައިވާ ވީޑިއޯއިން ފެންނަނީ މަގުމަތީ ފެންބޮޑުވެފައިވާ ކިލާ ފެންގަނޑުގެ ތެރެއަށް "ލީކްސް" ފަތްބޮނޑިއެއް ކޮށްޕާލައި އެ ފެނުން އެ ތަރުކާރީ ދޮންނަތަނެވެ. އެ އަށް ފަހު އެ ތަރުކާރީ ފަތްބޮނޑި ފިހާރަ ކައިރި ބަހައްޓާ މަންޒަރެވެ. މިއީ ގިނަ ބަޔަކަށް ސިހުން ލިބިގެންދިޔަ ކަމެކެވެ. ޓުރޭޑް މިނިސްޓުރީ ކޮމްޕްލެއިން ކޮމެޓީން އެ ވަނީ އެކަން ހިނގޮގޮތް ބަލައި މައްސަލަ ނިންމައިފަ އެވެ.
ބާޒާރުމަތީ ހިންހާ "ޝޯރ ޓްރޭޑާސް" ފިހާރައިގަ ހިންގި އެކަންތައް ބެލުމަށް ފަހު އިމިގްރޭޝަން މޮނިޓަރިން ޑިވިޝަންގެ ހެޑް މުހައްމަދު ވަހީދު ސަން އަށް ވިދާޅުވީ އެ ފިހާރައަށް ވިއްކަން ގެނައި ތަރުކާރީތަކެއް މައްޗަށް އެ ދުވަހު ތެޔޮ އެއްޗެއް ބަންޑުންވީ ކަމަށެވެ. އެހެންކަމުން އެ ފިހާރައިން ނިންމީ އެތަކެތި ބޭނުން ނުކުރުމަށް ކަމަށާއި ވީޑިއޯއިން އެ ފެންނަނީ އެތަކެތި އުކާލުމަށްޓަކައި ތެޔޮ ފިލުވުމަށް ކުރި މަސައްކަތް ކަމަށެވެ.

އިމިގުރޭޝަން މޮނިޓަރިން ޑިވިޝަންގެ ހެޑް މުހައްމަދު ވަހީދު މީޑިއާއާ ވާހަކަ ދައްކަވަނީ-- ސަން ފައިލް ފޮޓޯ
"އުކާލަން ފޮށިގަނޑުތަކަށް އަޅަންވެގެން ސާފު ކުރަންވެގެން ސާފު ކުރި ސާފު ކުރުމަކަށް މި ވަނީ އެކަންތައް،" ވަހީދު ވިދާޅުވި އެވެ.
ކަންވީ ގޮތަށް ބަލާއިރު ވީޑިއޯއިން ފެންނަ އެ މަންޒަރު އެއީ އެ ފިހާރާގައި ވިއްކާ ތަކެތި ކަމަށް ހަދައި އެކަން ފެތުރީ އެ ފިހާރައާ ވާދަވެރި ވިޔަފާރިތަކުން ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
މައްސަލަ ބެލި ކޮމެޓީން ވެސް ފާހަގަކޮށްފައިވާ ގޮތުގައި އާންމު ތަނެއްގައި އެފަދަ ފެންގަނޑަކުން ފިހާރައެއްގެ ދޮރުމަތީ ހުރެ ކާން ބޭނުންކުރާ އެއްޗެއް އެގޮތަށް ދޮވުމަކީ މައްސަލައެކެވެ. އެހެންކަމުން އެކަހަލަ ކަންތައް ނުކުރަން ވާނީ އިލްތިމާސްކޮށްފަ އެވެ.
ވަހީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ އިދާރީ ފިޔަވަޅު އަޅާނެ ކަމަށާއި އެވަރުން ހައްލު ނުވެއްޏެ ނަމަ އެކަން ކުރާ ބިދޭސީއެއް ޑީޕޯޓް ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ވަހީދު ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ބިދޭސީ މީހާއަކީ ގަވައިދާ އެއްގޮތަށް ނަގަންޖެހޭ ހުއްދަ ނަގައިގެން ރާއްޖޭގައި އުޅޭ މީހެއް ކަމަށާއި އެހެންކަމުން އޭނާއާ މެދު ފިޔަވަޅެއް ނޭޅުމަށް ނިންމާފައިވާ ކަމަށެވެ.
ކަންވީ ގޮތް ބެލުމަށް ފަހު ސިއްހީ ދާއިރާއިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެ މައްސަލަ ބެލި ކޮމެޓީން ވަނީ ހެލްތު މިނިސްޓްރީ އާއި ހަވާލުކޮށްފަ އެވެ. ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ފަރާތްތަކާ އެ މިނިސްޓްރީ އިން ބައްދަލުކޮށް އެކަން ނުކުރުމަށް އަންގާފައިވާނެ ކަމަށެވެ. އިތުރު ބޮޑު ފިޔަވަޅެއް ދެން އަޅާނީ އެފަދަ ކަމެއް ދެން ތަކުރާރުކޮށްފި ނަމަ ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ.
އެ މައްސަލާގައި އެކަން ކުރި ފަރާތުގެ ކުށެއް ނެތް ކަމަށް ނިންމި ނަމަވެސް މާލޭގައި ތަކެތި ވިއްކާ ފިހާރަތަކުގައި ރައްކާތެރި ނޫން ގޮތްގޮތަށް ތަކެތި ވިއްކާ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އެކަން ވަނީ ފުޑް އެންޑް ޑުރަގް އޮތޯރިޓީން ވެސް ހާމަކޮށްފަ އެވެ.