17 May 2011, 11:58
މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ޑީއާރްޕީން ބޭއްވި ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނަށް ފޮނުވަން ޖެހޭ މުއްދަތުގެ ތެރޭގައި، އެ ލިޔުންތައް ލިބިފަ އޮތް ކަމެއް ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އަށް ދެއްވި އިންޓަވިއު އެއްގައި، ފުވާދު ވިދާޅުވީ ޑީއާރްޕީގެ އަސާސީ ގަވައިދާއި މަގާމުތަކަށް އައިސްފައި ހުރި ބަދަލުތަކެއްގެ މައުލޫމާތު ކަމަށް ބުނާ ލިޔުންތަކެއް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ލިޔުންތައް އަދި ނުބައްލަވާ ކަމަށާއި އެހެން ކަމުން އޭގެ ތެރޭގައި ހުރީ ކޮން އެއްޗެއްކަން ސީދާ ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުވާދު އިތުރަށް ވިދާޅުވީ މިހާރު ލިބިވަޑައިގެންފައި ވަނީ ޑީއާރްޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ ނިންމުންތަކުގެ މަޢުލޫމާތު ކަމަށްވާ ނަމަ އެ ލިޔުންތައް ބަލައިގަތުމާ މެދު ގޮތެއް ނިންމަވާނީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.
"ޢާންމު ގޮތެއްގައި ޢަމަލު ކުރަމުން މި އަންނަ އުސޫލަކީ ފޮނުވަން ޖެހޭ މުއްދަތަށް ވުރެ ފަހުން ލިބުނަސް އެ މަޢުލޫމާތެއް ބަލައިގަތުން. އެހެން ނަމަވެސް މި މައްސަލަ އަކީ ޑީއާރްޕީގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައިވާ އޮތް ކަމަކަށް ވާތީ ގޮތެއް ނިންމޭނީ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު،" ފުވާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއާރްޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ ނިންމުންތައް އިލެކްޝަނަށް ފޮނުވަން އެކި ފަހަރު މަތިން އަންގަވާފައި ވާނޭ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގަވައިދުގައިވާ ގޮތުން ޕާޓީތަކުގެ ވަކި ކަހަލަ މައުލޫމާތުތަކަށް ބަދަލެއް އަތުވެއްޖެ ނަމަ ވަކި މުއްދަތެއްގެ ތެރޭގައި އެ މަޢުލޫމާތު އިލެކްޝަނަށް ރަސްމީކޮށް އަންގަން ޖެހެ އެވެ. އެ ގޮތުން އެ ގަވައިދުގެ 17 ވަނަ މާއްދާ ބުނާ ގޮތުގައި، "ސިޔާސީ ޕާޓީގެ ނަމަށް، ނުވަތަ އެޑްރެހަށް ނުވަތަ އަސާސީ ގަވައިދަށް ނުވަތަ މެނިފެސްޓޯ އަށް، ނުވަތަ ޕާޓީ ތަމްސީލުކުރާ ފަރާތަށް ނުވަތަ އެފަރާތުގެ އެޑްރެހަށް އެއްވެސް ބަދަލެއް އަންނަތާ 15 ދުވަހުގެ ތެރޭގައި އެކަން ކޮމިޝަނަރަށް ލިޔުމަކުން އަންގަންވާނެ" އެވެ.
ޑީއާރްޕީގެ އެންމެ ފަހުގެ ކޮންގްރެސްގެ މަޢުލޫމާތުތައް އިލެކްޝަނަށް ލިބިފައިވާ ކަން އެނގެން ނެތް ކަމަށް އެ ކޮމިޝަނުގެ ރައީސް މި ވިދާޅުވީ އެ މައުލޫމާތު ގަވައިދާ އެއް ގޮތަށް އިލެކްޝަނަށް ފޮނުވާފައި ވާނެ ކަމަށް ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު ޢަލީ ސޯލިހު ދާދިފަހުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނި ކޮށެވެ. އަދި ހަމަ އެހެންމެ އެ މައުލޫމާތު ގަވައިދުން ފޮނުވާފައި ނުވާތީ، ޕާޓީގެ ލީޑާޝިޕުގެ ގާނޫނީ ހައިސިއްޔަތާ މެދު އެ ޕާޓީގެ ޒެޑް ފެކްޝަނުން ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގަ އެވެ.