މާލޭގައި ހިންގި ގްރޫޕް މާރާމާރީއެއްގައި މީހެއްގެ ގަޔަށް ވަޅި ހަރައި، ޒަހަމްކޮށްލައިފި އެވެ. މާރާމާރީގައި ޒަހަމްވި 21 އަހަރުގެ ޒުވާނާއަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ މާރާމާރީއަކާ ގުޅިގެން އެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި ނަމަވެސް ލިބިފައިވާ ޒަހަމްތަކުން އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ، މިރޭ ގާތްގަނޑަކށް 10:00 އެހާކަންހާއިރު ހިންގި އެ މާރާމާރީގައި މީހަކު ޒަހަމްކޮށްލާފައި ވަނީ ނޫރު މިސްކިތް ކައިރިން ކަމަށެވެ.

ޒުވާނާއަށް ހަމަލާދިން ސަރަހައްދު ބަންދުކޮށް، އެ ތަނުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މާރާމާރީގައި ޒަހަމްވި މީހާގެ ގައިން އޮހޮރުނުލޭ ބިންމަތީގައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް

މިދުވަސްވަރަކީ މާރާމާރީ އިތުރުވެފައިވާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މީގެ ހަފްތާއެއްހައި ދުވަސްކުރިން މާރާމާރީއެއްގައި ވަނީ 14 އަހަރުގެ ދެކުއްޖަކު މަރުވެފަ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މާރާމާރީގެ މައްސަލަތައް 22 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. ވޭދުވެދިޔަ އަހަރުގެ މެއި މަހު މާރާމާރީގެ 71 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، މިއަހަރުގެ މެއި މަހު އެ އަދަދު ވަނީ 87 އިތުރުވެފަ އެވެ.

މާރާމާރީތައް އިތުރުވުމާއި ގުޅިގެން ފުލުހުންދަނީ ހާއްސަ އޮޕަރޭޝަރެއްވެސް ފަށާފަ އެވެ.