މާލޭ ހުޅަނގު ފަރާތުގައި ތަރައްގީ ކޮށްފައިވާ ރަސްފަންނު މޫދަށް ކަޅު ތެޔޮ އެޅީ ދޯންޏަކުން ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަސްފަންނު މޫދަށް ބަޔަކު ކަޅުތެޔޮ އެޅުމުން، އެތަނުގެ ހާލަތު ބެއްލެވުމަށްފަހު ހައުސިން މިނިސްޓަރު މުއިއްޒު މީޑިއާތަކަށް ވިދާޅުވީ ރަސްފަންނު މޫދަށް ކަޅު ތެޔޮ އަޅާފައި ވަނީ ދޯންޏަކުން ބޭރު ތޮށި ކައިރިއަށް ކައިރިކޮށްލުމަށްފަހު ކަމަށް އަޑުފެތުރިފައިވާ ކަމަށެވެ. މަންޒަރު ދުއް މީހުންނާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ ދޯނިން މޫދަށް ކަޅުތެޔޮ އެޅީ ބާލިދީއަކުން ކަމަށް ވެސް ވާހަކަ ދެކެވޭ ކަމަށެވެ.

"ދޯންޏަކުން ބޭރު ތޮށީގެ ކެނޑުމެއް ކައިރިއަށް މަޑުކޮށްފަ ކަޅު ތެޔޮތައް އަޅާލައިގެން އައިސް، ޕެކެޓްތައް ވެސް ފަޅައިގެން ގޮސްފައިވާ އެއްޗިއްސާ ނުދާ އެއްޗެހި މޫދު ތެރެއިން ފެނި ވަރަށް ގިނަ އަދަދަކަށް ފެނުނު. އެ ތަކެތި ޕޮލިސް އިންވެސްޓިގޭޝަންއަށް ނަގާފަ ވަނީ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އެކަން ކަށަވަރު ކުރެވޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށް ވިދާޅުވި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ އެ އިދާރާއިން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ކަޅު ތެޔޮ ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާއިރު އީޕީއޭގެ ލަފާގެ މަތިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ. އަދި އެ އިދާރާއިން ހުއްދަ ލިބުމާއެކު މޫދު އަލުން އާއްމުންނަށް ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެފަދަ މައްސަލަތަކަކީ ހުއްޓުވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

"ކަޅު ތެޔޮ އެޅުން ކިހިނެތްތޯ އަޅުނގަޑުމެން ހުއްޓުވަނީ. މިތާނގަ ކަނޑާފަހުރި ކެނޑުންތައް ބަންދެއް ނުކޮށްލެވޭނެ. އެއީ އޮއެ ދައުރުވާން ހުރި ތަންތަން. ބަޔަކު މިތަނުގެ އެހެންކަމެއް ކުރިއްޔޯ. އެކަންތައްތައް ކިހިނެތްތޯ ހުއްޓުވާނީ. އެއީކީ ހުއްޓުވޭނެ ކަންކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާއްމުން ބޭނުންކުރާ ތަނަކަށް ގެއްލުން ދިނުމަކީ އިޖްތިމާއީ ގޮތުންނާއި ދީނީ އަދި އަހުލާގީ ގޮތުން ބެލި ނަމަވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ޒިންމާދާރުކަން ކުޑަ ހުތުރު އަމަލެއް ކަމަށެވެ.

ރައްޔިތުންގެ ފައިދާއާ މަންފާއަށް ކޮށްފަ ހުރި ކަންތައްތައް ބަލައިނުގަނެވި ހަޖަމު ނުކުރެވިގެން މިކަހަލަ ކަންތައްތައް ކުރި ނަމަވެސް، ރައީސް ޔާމީންގެ އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށާއި ގައުމު ތަރައްގީކޮށް ރައްޔިތުންގެ ލާބަޔާ މަންފާއަށް ކުރާ ކަންތައްތައް ހުއްޓާ ނުލައްވާނެ ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.