13 Jun 2016, 22:49
ފިތުރު އީދާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ތޮއްޑޫގައި ބާއްވަމުން އަންނަ "ތޮއްޑޫ ޗެލެންޖު ކަޕް" އިއުލާނުކޮށް، ބައިވެރުވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތޮއްޑޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ސްޓާޓް" އިން އިންތިޒާމުކުރާ އެ މުބާރާތަކީ ކޮންމެ އަހަރަކު ވެސް ތޮއްޑޫގެ ޒުވާނުންގެ މެދުގައި މަގުބޫލު އަދި ވާދަވެރިކަމާ އެކު ބާއްވަމުން އަންނަ މުބާރާތެކެވެ.
މި އަހަރުގެ މުބާރާތް މިއަދު އިއުލާނުކޮށްފައިވާ އިރު، ހާއްސަ އިނާމުތަކެއް ދިނުމަށް ސްޓާޓް ޖަމިއްޔާ އިން ވަނީ ނިންމައިފަ އެވެ.
މުބާރާތުގެ ޗެމްޕިއަންސް ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދޭނެ ކަމަށް ސްޓާޓުން ބުންޏެވެ. އަދި ފެއާޕްލޭ ޓީމް ޝީލްޑްދީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް 2000 ރުފިޔާ ދޭނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
އެ އިނާމުތަކުގެ އިތުރުން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އާއި 35 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އާއި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ އިތުރުން ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
މުބާރާތާ ގުޅޭ ގޮތުން ސްޓާޓް ޖަމިއްޔާގެ ރައީސް ހުސެން ފާރިޝް "ސަން" އަށް ވިދާޅުވީ، އެފަދަ މުބާރާތެއް ކޮންމެ އަހަރަކު ވެސް ބޭއްވުމުގެ ބޭނުމަކީ ތޮއްޑޫގެ ޒުވާނުންގެ ހިތުގައި ފުޓުބޯޅައާ މެދުގައި ލޯބި ޖެއްސުން ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ތޮއްޑޫ އިން އަގުހުރި ކުޅުންތެރިންތަކެއް އުފަންކުރުން ކަމަށެވެ.
ފުޓްބޯޅައަށް ތޮއްޑޫގެ ގިނަ ޒުވާނުންތަކެއް ފޯރި ނަގާފައި ނުކުންނަ އިރު، ތޮއްޑޫ އިން ވަނީ ރާއްޖެ އަށް އިންޓަނޭޝަނަލް މުބާރާތްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ކުޅުންތެރިންތަކެއް އުފަންކޮށްފަ އެވެ. އޭގެ ތެރޭގައި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިން ގޯލު ކާމިޔާބުކުރި މުހުތާރު ނަސީރު (ޓޫކިލޯ) އާއި ތޮއްޑޫ ނިޒާމު ފަދަ ކުޅުންތެރިން ހިމެނެ އެވެ.
މިހާރު ވެސް ތޮއްޑު އަށް ނިސްބަތްވާ އެކި ކުޅުންތެރިން އަންނަނީ ރާއްޖޭގެ އެކިއެކި ކްލަބްތަކަށް ކުޅެމުންނެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 18 ޖޫން 2016ގެ ރޭގަނޑު 9:00 އަށެވެ.