13 Jun 2016, 21:00
ފަހު ވަގުތު ޖެރާޑް ޕީކޭ ކާމިޔާބު ކުރި ގޯލުން 1-0ގެ ނަތީޖާ އަކުން ޗެކް ރިޕަބްލިކްގެ މައްޗަށް އެންމެ ފަހުގެ ދެ އަހަރުގެ ޔޫރޯ ޗެމްޕިއަން ސްޕެއިން ކުރި ހޯދައިފި އެވެ.
ފުރަތަމަ ހާފު ފެށިގެން ސްޕެއިންގެ ފަރާތުން ވަރުގަދަ އެޓޭކިން ގޭމެއް ފެނިގެން ދިޔަ އިރު އެ ޓީމުން ވަނީ ޗެކް ރިޕަބްލިކްގެ ގޯލާއި އަމާޒްކޮށް ނުރައްކާތެރި ހަތަރު ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް ސްޕެއިންގެ ޑޭވިޑް ސިލްވާ އާއި އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މެޗުގައި މޮޅު ސޭވްތަކެއް ކުރި ޕީޓާ ޗެކެވެ.
ޗެކްރިޕަބްލިކްގެ ފަރާތުން ޑެފިންސިވް ކުޅުމެއް ފެނިގެންދިޔަ އިރު އެ ޓީމުން ވަނީ ކައުންޓާ އެޓޭކްގައި ކުރިއަށް އަރާ ސްޕެއިންގެ ގޯލަށް ނުރައްކާ ކުރެވޭތޯ ބަލާފަ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމިގެން ދިޔަ އިރު ޗެކް ރިޕަބްލިކް އަށް ސްޕެއިންގެ ގޯލާއި އަމާޒް ކޮށް ފޮނުވާލެވިފައި ވަނީ ނުރައްކާތެރި އެންމެ ހަމަލާއެކެއެވެ.

ސްޕެއިންގެ ޕެނަލްޓީ އޭރިއާ ބޭރުން ތޯމަސް ނެސީ ފޮނިވާލި ބޯޅަ ފަސޭހަ ކަމާއި އެކު ޑޭވިޑް ޑެހެއާ ވަނީ ދިފާއު ކޮށްފަ އެވެ.
ފުރަތަމަ ހާފު ވެސް އެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމުނު އިރު ދެވަނަ ހާފްގައި ސްޕެއިން ވަނީ އެ މީހުންގެ އެޓޭކް ވަރުގަދަކޮށް ޗެކް ރިޕަބްލިކްގެ ގޯލާއި އަމާޒްކޮށް ގިނަ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.
ދެވަނަ ހާފް ފެށިގެން ދިޔައީ ވެސް އަލްވާރޯ މޮރާޓޯގެ ނުރައްކާތެރި ހަމަލާއަކުންނެވެ. ނަމަވެސް މޮރާޓޯ ޗެކް ރިޕަބްލިކްގެ ގޯލު ކުރި މައްޗަށް ހުރަސް ކޮށްލަން ޖެހި ބޯޅަ ޗެކް ރިޕަބްލިކް ކުޅުންތެރި ދިފައާ ކުރުން އުޅުމުގެ ތެރޭގައި ގޯލު ދަނޑީގައި ޖެހި ވަނީ ބޭރަށް ގޮސްފަ އެވެ.

ދެ ވަނަ ހާފުގައި ވެސް ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ ޗެކްރިޕަބްލިކުން ވަނީ ސްޕެއިންގެ ގޯލާ އަމާޒްކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. އެގޮތުން އެ ޓީމަށް ލިބުނު ކޯނަރެއްގައި ސްޕެއިންގެ ގޯލު ކުރި މައްޗަށް ހުރަސް ކޮށްލި ބޯޅަ ރޯމަން ހަބްނިކް ބޮލުން ފޮނުވާލި ނަމަވެސް ގޯލު ކުރިމަތިން ފެބްރިގާސް ވަނީ އެ ބޯޅަ ދިފާއު ކޮށްފަ އެވެ.
މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ގޯލު 87 ވަނަ މިނެޓްގައި ޕީކޭ ކާމިޔާބް ކުރީ އަންދުރޭ އިނިއެސްޓާ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕީކޭ އެވެ.