މާލޭ ހުޅަނގު ފަރާތުގައި ތަރައްގީ ކޮށްފައިވާ ރަސްފަންނު މޫދަށް ބަޔަކު ކަޅު ތެޔޮ އެޅުމުން، އެ ސަރަހައްދު މޫދަށް އެރުން މަނާކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ބަޔަކު އެތަނުގެ މޫދަށް ކަޅު ތެޔޮ އެޅުމާ ގުޅިގެން މޫދަށް އެރޭ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށާއި އެކަމުގެ ތަފްސީލީ މައުލޫމާތު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ މީޑިއާތަކާ ހިއްސާކުރައްވާނެ ކަމަށެވެ.

އެ މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދު އިރު އޮއްސުނު ވަގުތު ހުށަހެޅި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރަަސްފަންނު މޫދަށް އެއްލާލާފައިވާ ކަޅުތެޔޮ ޕެކެޓެއް: އެ ސަރަހައްދު މޫދަށް ކަޅުތެޔޮ ޖެހުމުން މޫދު ކިލަނބުވެ، ކަޅުވެފައިވޭ-- ސަން ފޮޓޯ/ ޔޫސުފް ސަފްވާން ރަޝީދު

ރަސްފަންނުގެ މޫދަށް ބަޔަކު މިއަދު ކަޅު ތެޔޮ އަޅާފައިވާއިރު، ރަސްފަންނާ ދިމާލުން މޫދުން ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް، އެ ސަރަހައްދު މޫދަށް ނަޖިސް ބޭރުވެގެން މިދިޔަ އޭޕްރިލް މަހު ވެސް ވަނީ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު ބަންދުކޮށްފަ އެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ނަޖިސް ހޮޅި ފަޅާލީ "އިދިކޮޅު ފަރާތްތަކުން" ސަރުކާރަށް އުނދަގޫ ކުރުމުގެ ނިޔަތުގައި ކަމަށެވެ.

ރަަސްފަންނު މޫދުން ނެގި ފުޅިއެއްގެ ކައިރީގައި ފުލުހެއް: އެ ސަރަހައްދު މޫދަށް ކަޅުތެޔޮ ޖެހުމުން މޫދު ކިލަނބުވެ، ކަޅުވެފައިވޭ-- ސަން ފޮޓޯ/ ޔޫސުފް ސަފްވާން ރަޝީދު