13 Jun 2016, 17:46
ސަރުކާރުގެ ވުޒާރާތައް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ކެމްޕެއިން އޮފީހަކަށް ނުވަތަ ސިޔާސީ ހަރަކާތްތައް ހިންގާ ޖަގަހައަކަށް ހަދަން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ މަސައްކަތެއް ނޫން ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީތަކުގައި ތިއްބަވާ ޕާމަނަންޓު ސެކެޓްރީ (ޕީއެސް)ގެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުގެ ބާރު މިނިސްޓްރީތައް ހިންގުމާއި ހަވާލުވެވަޑައިގެން ހުންނަވާ މިނިސްޓަރަށް ލިބިގެންދާ އިސްލާހަށް މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުން ބިގޭ ވިދާޅުވީ ޕީއެސުންނަކީ މިނިސްޓްރީތައް ހިންގާ އެ މިނިސްޓްރީތައް ކޮޅަށް ޖެހުމުގައި ބުރަ މަސައްކަތެއް އަދާ ކުރަމުން އަންނަ ބައެއް ކަމަށެވެ.
"އެހެންނަމަވެސް ފެންވަރެއް ނެތް ބަޔަކު، އެތަނަށް ވަދެ އެތާނގެ ސިޔާސީ ވެރިންނާއި ގުޅިގެން ކެމްޕެއިން ޖަގަހައަކަށް ވެރިކަން ކުރާ ބައެއްގެ ކެމްޕެއިން ޖަގަހައަކަށް ތަން ހަދައިފި ކަމަށް ވަންޏާމު މިހާރު މިއޮތް ހާލަތަށް ވުރެ އިތުރަށް ބޮޑެތި ޖަރީމާތައް ހިންގަން ސަރުކާރަށް މަގިފަހި ވެގެންދޭ. އަޅުގަނޑުމެންނަށް ނިކަން ސާފު ކަން ހިނގަމުންދާ ގޮތް. ވަކި މުއައްސަސާއެއް ނޫން ހުރިހާ މުއައްސަސާތަކެއް ސަރުކާރުގެ ބާރުގެ ތެރޭގައި،" ބިގޭ ވިދާޅުވި އެވެ.

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ މަޖިލިސް
ރައްޔިތުންނާއި ގާތުން ހިދުމަތް ދޭން ހުންނަ މިނިސްޓްރީތަކަށް އެފަދަ ބަދަލެއް ގެންނަން މަސައްކަތް ކުރުމަކީ "ރައްޔިތުންނަށް ވެވޭ ހަރާންކޯރުވުމެއް" ކަމަށް ވެސް ބިގޭ ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސް ކުރައްވަމުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފު މުހައްމަދު ސިވިލް ސާވިސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އޭނާ ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނުގެ މެނިފެސްޓޯގައި ހުރި ކަންކަން ފުރިހަމަ ކޮށްދިނުމުގެ އެންމެ މުހިއްމު މަސައްކަތެއް ކުރާނެ އަދި ކޮށްދޭނެ ބަޔަކީ ސިވިލް ސާވިސް މުވައްޒަފުން ކަމަށެވެ.
"ސިވިލް ސާވިސް މުވައްޒަފުންނަކީ އަބަދުވެސް އޭރަކު އޮންނަ ސަރުކާރަކަށް ވަފާތެރިކަމާއި އެކީގައި މަސައްކަތް ކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދީ އެ މަސައްކަތުގައި ލާމަސީލު ނަމޫނާ ބައެއްކަން ވެސް އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން،" ސައުދު ވިދާޅުވި އެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން: ފޮޓޯ/ މަޖިލިސް
މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) އެ ބިލަށް ބަހުސް ކުރައްވަމުން ވިދާޅުވީ ސިވިލް ސާވިސްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކީ ހުރިހާ މެމްބަރުންވެސް އެ އިސްލާހަކަށް ވަރަށް ރަނގަޅަށް ވިސްނާލަން ރަނގަޅު އިސްލާހެއް ކަމަށެވެ. އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ ގާނޫނެއް ވުޖޫދަށް ގެންނަ އޭރު ޖެހުނީ ސިޔާސީ ޕާޓީތައް އުފެދި އެ ޕާޓީތަކުގެ ނުފޫޒުން ސިވިލް ސާވަންޓުން ސަލާމަތްކޮށް އެއްކިބާ ކުރުން ކަމަށެވެ.
"އޭގެ މާނައަކީ ސިވިލް ސާވިސަކީ ސަރުކާރުން ބޭރުގައި އޮންނަ ތަނަކަށްވެސް ވުމެއް ނޫން. އެހެން އޮވެގެންވެސް ނުވާނެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންނަސް ފޯރުކޮށްދެންޖެހޭ ހިދުމަތް ވަކި ރައްޔިތަކަށް ތަފާތު ކުރުމެއް ނެތި ވަކި ސިޔާސީ ޕާޓީއަކަށް ތަފާތު ކުރުމެއް ނެތި ފޯރުކޮށްދިނުން. ނަމަވެސް ހިތާމައާ އެކު ދަންނަވަން ޖެހެނީ އަޅުގަނޑުމެން އުއްމީދު ކުރި ގޮތަކަށް ސިވިލް ސާވިސްގެ ކަންކަން ގޮސްފައެއް ނެތޭ. އެހެންވެގެން މި ބަދަލު މިގޮތަށް އަންނަ މިޖެހުނީވެސް. އަޅުގަނޑަށް އެނގޭ ކީއްވެގެންކަން،" ޝަރީފު ވިދާޅުވި އެވެ.

މަރަދޫ ދައިރާގެ މެމްބަރު އިބުރާހިމް ޝަރީފު (މަވޯޓާ) މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ: ފޮޓޯ/ މަޖިލިސް
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ވަނީ ސިވިލް ސާވިސްގެ ގާނޫނަށް އެ އިސްލާހު ގެންނަން ސަރުކާރުން ނިންމީ ސިވިލް ސާވިސް މުވައްޒަފުންނަށް ސަރުކާރުގެ ވެރިންނަށް ނުފޫޒު ފޯރުވޭލަށް ކުޑަކަމުންތީ ސުވާލު އުފައްދަވާފަ އެވެ.
"ޕީއެސްގެ ބޭނުމަކީ ސިޔާސީ މަސްލަހަތުން އެކަހެރިވެގެން މަސައްކަތް ކުރާ ބަޔަކަށްވުން. ވަކި ނުފޫޒަކުން އެއްކިބާގެން މަސައްކަތް ކުރާ ބަޔަކަށްވުން. ވަކި ފަރާތެއްގެ ރުހުން ހޯދަން އުޅޭ ބަޔަކަށް ނުވުން. މި އަސާސު މި ފުނޑާލަނީ." އިންތި ވިދާޅުވި އެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މީހުން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި): ފޮޓޯ/ މަޖިލިސް
އިސްލާހުގައި ބުނެފައި ވަނީ ޕާމަނަންޓް ސެކެޓްރީގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން މިނިސްޓަރުގެ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރަށް، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުން ކަމަށެވެ.
އެ ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕާމަނަންޓް ސެކްރެޓަރީގެ ޒިންމާއަކީ، އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތަކާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެ ދިނުން ކަމަށެވެ.
ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ލަތީފު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރެވިގެން ކަމަށެވެ.