13 Jun 2016, 18:11
ފާއިތުވި އަހަރު ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު ގަނެފައިވާ ގައުމަކީ ސައޫދީ އަރަބިއްޔާކަން ދުނިޔޭގެ ގައުމުތަކަށް އެކިކަންކަމާބެހޭ މައުލޫމާތާއި މަޝްވަރާދޭ އެމެރިކާގެ ކުންފުންޏެއްކަމަށްވާ އައިއެޗްއެސް (އިންފޮމޭޝަން ހޭންޑިންގް ސާވިސެސް) އިން ހާމަކޮށްފިއެވެ.
2015 ވަނަ އަހަރު ދުނިޔޭގެ އެކި ގައުމުތަކުގެ މެދުގައި ހިނގާފައިވާ ހަތިޔާރު ގަތުމުގެ މުއާމަލާތްތަކާއި ހަތިޔާރުގެ ވިޔަފާރިއާބެހޭގޮތުން އައިއެޗްއެސް އިން ނެރުނު ރިޕޯޓެއްގައި ވާގޮތުން މިދިޔަ އަހަރު އެންމެ ގިނައިން ހަތިޔާރު ގެނެ އިންޕޯޓްކޮށްފައިވާ ގައުމަކީ ސައޫދީ އަރަބިއްޔާއެވެ. މިދިޔަ އަހަރު ދުނިޔޭގެ އެކިގައުމުތަކުން ގަނެފައިވާ ހަތިޔާރުގެ މިންވަރު 58.4 ބިލިޔަން ޑޮލަރަށް އަރާއިރު މީގެތެރެއިން 9 ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަނެފައިވަނީ ސައޫދީ އިންނެވެ.
ސައޫދީން މިހާގިނަ އަދަދެއްގެ ހަތިޔާރު ގެނެފައިވަނީ އެގައުމު އިސްކޮށް އޮވެގެން ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެގަތުމާ ގުޅިގެންކަން އައިއެޗްއެސް ގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ސައޫދީ އިސްކޮށް އޮވެގެން އުފައްދާފައިވާ އަރަބި ކޯލިޝަންގައި ހިމެނެނީ މައިގަނޑު ގޮތެއްގައި ގަލްފުގެ އަރަބި ގައުމުތަކެވެ. މިކޯލިޝަނުން ޔަމަންގެ ހަނގުރާމައަށް ވަދެގެންފައިވަނީ 2015 ވަނައަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ސައޫދީން ހަތިޔާރު ގަތް ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާއާއި ފަރަންސޭސިވިލާތާ އަދި އިނގިރޭސިވިލާތެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ހަތިޔާރު ގަނެފައިވަނީ އެމެރިކާއިންނެވެ.

ސައޫދީ އަށްފަހު ދެވަނައަށް އެންމެ ގިނަ ހަތިޔާރު ގަނެފައިވަނީ އިންޑިޔާއިންނެވެ. އިންޑިޔާއަކީ އެގައުމުގައިވާ ބައު ހަތިޔާރުތައް އައު ހަތިޔާރުތަކަށް ބަދަލުކުރުމުގެ ދިގުމުއްދަތުގެ މަޝްރޫއެއް ކުރިޔަށްގެންދާ ގައުމެކެވެ. އިންޑިޔާއިން 4.5 ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަނެފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ހަތިޔާރު ގަނެފައިވަނީ އޮސްޓްރޭލިޔާއިންނާއި މިސްރުންނެވެ. މިއިން ކޮންމެ ގައުމަކުން 2.3 ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަނެފައިވެއެވެ.
ފަސްވަނައަށް އެންމެ ގިނައިން ހަތިޔާރު ގަނެފައިވަނީ ދެކުނު ކޮރެޔާއިންނެވެ. އެގައުމުން 2.2 ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަނެފައިވެއެވެ. ދެކުނު ކޮރެޔާއަށްފަހު އެންމެ ގިނަ ހަތިޔާރު ގަނެފައިވަނީ އިރާގުންނެވެ. އިރާގުން 2.1 ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަނެފައިވެއެވެ.
ހަތިޔާރު ވިއްކި ގައުމުތަކަށް ބަލާއިރު ހަތިޔާރު ވިއްކައިގެން އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން 2015 ވަނައަހަރު 24 ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކާފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ހަތިޔާރު ވިއްކާފައިވަނީ ރަޝިޔާއިންނެވެ. އެއީ 10 ބިލިޔަން ޑޮލަރުގެ ހަތިޔާރެވެ.އެއަށްފަހު ހަތިޔާރުގެ ވިޔަފާރީގައި ފަރަންސޭސިވިލާތާއި ޖަރުމަނާއި އިނގިރޭސިވިލާތް އުޅެނީ ދާދި އެއްވަރެއްގައެވެ. މިތިން ގައުމުންކުރެ ކޮންމެ ގައުމަކުންވެސް 4 ވަރަކަށް ބިލިޔަން ޑޮލަރުގެ ހަތިޔާރު ވިއްކާފައިވެއެވެ. (ނޫސްއެޖެންސީތައް)