ގުޑްސް އެންޑް ސާވިސް ޓެކްސް ނުވަތަ ޖީއެސްޓީން މިދިޔަ މަހު މީރާ އަށް ލިބުނު އާމްދަނީ 11 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މެއި މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އާންމު ޖީއެސްޓީން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 550.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2015 ވަނަ އަހަރު މެއި މަހު ލިބުނީ 491.2 މިލިއަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް 48 ޕަސެންޓްގެ ކުރިއެރުމެކެވެ.

އާންމު ޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވެފައިވާ އިރު، ޓޫރިޒަމް ދާއިރާ އިން ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. ޓޫރިޒަމް ސެކްޓާ އިން މިދިޔަ މަހު 361.8 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އިރު މިދިޔަ އަހަރު މެއި މަހު ލިބުނީ 23.6 މިލިއަން ރުފިޔާ އެވެ.

މީރާގެ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ބަލައިގެންފައި ވަނީ 1.14 ބިލިއަން ރުފިޔާ އެވެ. އަދި ޑޮލަރުގެ ގޮތުގައި ބަލައިގެންފައި ވަނީ 32.9 މިލިއަން ޔޫއެސްޑޮލަރެވެ.

ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދީގެން ނަގާ ޓެކްސް (ޓޫރިޒަމް ލޭންޑް ރެންޓް)ގެ ގޮތުގައި 12.3 މިލިއަން ރުފިޔާ ލިބުނު އިރު، ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 75.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު 56.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.