ރާއްޖޭގައި ހިންގާ ސްޕާ ތަކަށް ވިއްކަން ރާއްޖެ އެތެރެ ކުރި ބުދު ތަކެއް ކަސްޓަމަސް އިން މިއަދު ހިފަހައްޓައިފި އެވެ.

އިންޑޮނޭޝިއާގެ ބާލީން ރާއްޖެ އަށް ވިއްކަން މި ބުދުތައް އެތެރެ ކުރި ފަރާތް ކަމަށްވާ ހޮޓެލް ސަޕްލަޔާސްގެ މެނޭޖިން ޑިރެކްޓަރު އަލީ އަހުމަދު ވިދާޅުވީ އެ އެއްޗިއްސަކީ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ހުރި އެއްޗެއްކަން އެނގި ނުލައްވާ ކަމަށާއި އަދި އެފަދަ އެއްޗެއް އެ ކުންފުނިން އެތެރެ ކުރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
~
އާންމުކޮށް ރިސޯޓް ތަކުގެ ސްޕާތަކާއި ބާ ފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ޒާތުގެ ހަތަރު ބުދެއް ވަނީ ކަސްޓަމްސް އިން މިއަދު ހިފަހައްޓާފަ އެވެ. ތަފާތު ޑިޒައިންތަކަށް ހިލައިން ހަދާފައި ހުރި އެކި ސައިޒުގެ ހަތަރު ބުދު ވެސް އޮތީ ލަކުޑި ފުރޭމްގަނޑެއްގެ ތެރޭގައި ވަރަށް ރީއްޗަށް ބަންދުކޮށްފަ އެވެ.

"އަޅުގަނޑަށް މައްސަލަ އެއް ނެތް، ދީނާ ގުޅޭ ކަމެއް ނަމަ މިހާރުން މިހާރަށް ވެސް އެ ބުދުތައް ތަޅައި ލަނިކޮށް، އަޅުގަނޑު ބޭނުމެއް ނުވޭ ދީނާ ޚިލާފު އެކަހަލަ އެއްވެސް އެއްޗެއް އެތެރެ ކުރާ ކަށް،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބުދުތައް އެތެރެ ކުރީ މިހާރު ވެސް ރިސޯޓު ތަކުގެ ސްޕާތަކާއި ބާ ތަކުގައި އެފަދަ އެއްޗެހި ހުންނާތީ ކަމަށާއި އެފަދަ އެއްޗެއް ރާއްޖެ އެތެރެ ކުރުމަކީ މަނާ ކަމެއް ކަން އެއްގޮތަކަށް ވެސް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ކަސްޓަމްސް އިން މުދާ ކުލިއަ ކުރުމުގެ ތެރޭގައި ހިފަހައްޓާފައިވާ ބޮޑެތި މި ބުދުތަކާ ބެހޭ ގޮތުން އަލީ ވިދާޅުވީ އެ އެއްޗެހި މިހާރު އެތެރެ ކުރަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އޭނާ ވިއްކަން ގެނައި ބުދުތައް އެތެރެ ނުކުރެވި، ރާއްޖޭގެ ބައެއް ރިސޯޓަތަކުގައި މިހާރު ވެސް އެފަދަ ބުދުތައް ހުރިހުރުމާދު ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.

ބުދު އެތެރެކުރި މި މައްސަލަ އާއި ގުޅިގެން ކަސްޓަމްސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މިއަދަކީ ބުޑިޒަމްގެ 2600 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާ ދުވަހެވެ. ބުޑިޒަމް އޮންނަ ގައުމުތަކުގައި ވެސަކް ޑޭގެ ނަމުން މަޝްހޫރުވެފައި އޮންނަނީ ގޯތަމް ބުއްދާގެ އުފަންދުވަހާއި މަރުވި ދުވަހުގެ ގޮތުގަ އެވެ. ޖަޕާނު ފިޔަވައި އިރުމަތީ އޭޝިޔާގެ ގައުމުތަކުގައި އެދުވަސް ކަމަށް ބަލަނީ ޗައިނާގެ ލޫނާ ކަލަންޑަރުގެ ހަތަރުވަނަ މަހުގެ އަށް ވަނަ ދުވަ އެވެ.