ބަޣުދާދު (ޖޫން 13): އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހިފާފައިވާ އިރާގުގެ ފަލޫޖާއިން ނުކުންނަން މަސައްކަތް ކުރި ދެއާއިލާއަކަށް ނިސްބަތްވާ 18 މީހަކު އައިއެސް އިން ހަމަލާދީ މަރާލާފައިވާ ކަމަށް އިރާގުގެ ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑުގެ ސެކުއިރިޓީ އޮފިސަރަކު ވިދާޅުވެއްޖެ އެވެ.

ަނަން ހާމަ ނުކުރުމަށް އެދިފައިވާ އެއޮފިސަރު އިއްޔެ ވިދާޅުވި ގޮތުގައި އައިއެސް އެމީހުންނަށް ހަމަލާ ދީފައި ވަނީ ފަލޫޖާއިން ނުކުންނަން އޮންނަ އަލް ސަލަމް މަގު ކައިރިންނެވެ.

"އާއްމުންގެ ބަޔަކު ދިޔައީ ފަލުޖާއިން ނިކުންނަން މަސައްކަތް ކުރުމުން. އެމީހުން އަލް ސަލާމް މަގާ ކައިރިވީތަނާ އައިއެސް އިން އެމީހުންގެ ގަޔަށް ބަޑި ޖަހާ 18 މީހަކު މަރާލި. އަދި އެތައް ބަޔަކު ޒަހަމްކޮށްލި،" އޮފިސަރު ވިދާޅުވި އެވެ.

އިރާގުގެ އަސްކަރިއްޔާއިން ވަނީ ޒަހަމްވި މީހުންގެ ތެރެއިން ބައެއް މީހުން ސަލާމަތްކޮށްފަ ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ. އަދި އަސްކަރިއްޔާއިން މިހާރު ވަނީ ފަލޫޖާގެ ރައްޔިތުންނަށް ރައްކާތެރި ސަރަހައްދަކަށް ސަލާމަތް ކަމާއެކު ދެވޭނެ މަގެއް ހަދާފަ ކަމަށް ނޯވޭއިއަން ރެފިއުޖީ ކައުންސިލުން ވަނީ އިއްޔެ ބުނެފަ އެވެ.

އައިއެސްގެ ކޮންޓްރޯލުން ފަލޫޖާ ނެގުމަށް އިރާގުގެ އަސްކަރިއްޔާއިން މިއަހަރުގެ މޭމަހު ފެށި ހަމަލާތަކުގެ ސަބަބުން އެސިޓީގެ 24،000 މީހުން ވަނީ ރަށް ދޫކޮށް ގޮސްފަ އެވެ. (އޭއެފްޕީ)