ހައުސިން މިނިސްޓަރުގެ ނައިބު ކަމަށް އެމްއާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، އެ މަގާމަށް ނަޒީމް ހަމަޖެއްސެވީ މިއަދު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވިއިރު، ނަޒީމް ކޮރަޕްޝަންގެ އަމަލެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ނަޒީމާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަ އެ އޮފީހުން އަންނަނީ ދިރާސާ ކުރަމުން ކަމަށެވެ.