13 Jun 2016, 15:13
ދެން އޮންނަ ލޯކަލް ކައުންސިލް އިންތިހާބެއްގައި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ނުވަތަ އީ-ވޯޓިން ތައާރަފްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު، އީވޯޓިން ސިސްޓަމްގައި ބައިވެރިވާން އިދިކޮޅު އެމްޑީޕީން ސަރުކާރާއެކު އެއްބަސްވެފައި ނުވާނޭ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ބައެއް ކަންކަން ހުރިގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެޕާޓީގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ އިލެކްޝަންސް ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ، އީ-ވޯޓިންގައި އެމްޑީޕީން ބައިވެރިވާން އެއްބަސްވިކަމަށް ބައެއް މީޑިއާތަކުގައި އިލެކްޝަންސް ކޮމިޝަނުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މަނިކަކީ އީ-ވޯޓިންއާ ގުޅޭ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވި މެންބަރެކެވެ. މަނިކު ވިދާޅުވީ، އީ-ވޯޓިން ސިސްޓަމާ ގުޅޭ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނާ އެކު އެމްޑީޕީން ބައިވެރިވި ނަމަވެސް އެ ސިސްޓަމްގައި ވޯޓުލައިގެން އިންތިހާބުތައް ބާއްވަން އެމްޑީޕީން އެއްބަސްވެފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމީ މަޖިލީހުގަވެސް އެވާހަކަ ދެކެވިފަ އޮތީ އެއްގޮތަކަށް ވެސް އެއަކަށް އެއްބަހެއް ނުވޭ. ޕާޓީއަކުން ވެސް ނުވޭ. ނުވިތާކަށް އަޅުގަނޑުމެންނަށް އެތަނަށް ގޮސްފައި ނުވެވޭނެނޫންތޯ. ތަކުރާރުކޮށް އަޅުގަނޑު ދަންނަވަން އަޅުގަނޑުމެން އެއްބަހެއް ނުވަމޭ އީވޯޓިން އަކަށެއް. އެމްޑީޕީއަކުން އީ ވޯޓިންއަކަށް އެއްބަހެއް ނުވާނެ. އަދި އެއްނުވޭ ގައިމުވެސް އަދިއެއް ނުވޭ،" މަނިކު ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ އެ ބަސްދަލުވުމުގައި އީ-ވޯޓިންއާ ގުޅޭގޮތުން އެމްޑީޕީން ބައެއް ކަންބޮޑުވުންތައް ފާޅުކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އަޅުގަނޑުމެން އެ ބައްދަލުވުމުގައި ހިއްސާކުރިން. ކޮބައިތޯއޭ އެވެއާނެސް ޕްރޮގްރާމްތައް ހިންގިއްޖެތޯއޭ، މިކަހަލަ ވާހަކަ ދެއްކީ. އެހެން އަހައިގެން އެއީ އަޅުގަނޑުމެން އެއްބަސްވިއްޔާ އެއީ އެއްބަސްވުން، އެގޮތަށް މާނަ ކުރަންޏާ. އެކަމަކު ހަމަ ކަނޑައެޅިގެން އެދުވަހު އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެން ބޭނުމޭ މުޅި ގައުމުގަ މީތި އެވެއާނެސް ހިންގަން،" ބައްދަލުވުމުގެ ކަންކަން ދިޔަގޮތް ކިޔައިދެއްވަމުން މަނިކު ވިދާޅުވި އެވެ.
ބައެއް ކަންބޮޑުވުންތައް ފާޅުކުރަމުން އެމްޑީޕީން ބުނީ، އިދިކޮޅު ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް އެއްވެސް ޕާޓީއަކަށް ނެތްކަމަށް އިލެކްޝަން ކޮމިޝަނުން ދެކޭކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް އެކަން އެމްޑީޕީން ގަބޫލު ނުކުރާ ކަމަށެވެ. ސަބަބެއް ކަމަށް އެމްޑީޕީން ބުނީ އެ ޕާޓީގެ ބައެއް ހަރަކާތްތައް ހިންގުމަށް ސަރުކާރުގެ އިދާރާތަކަށް ސިޓީލައިގެން އެއިން އެއްވެސް ސިޓީއަކަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށްޓަކައި ވަރަށް ގިނަ ބަހަނާތައް އިލެކްޝަން ކޮމިޝަނުން ދައްކާ ކަމަށާއި އެއިން އެއްވެސް ބަހަނާއަކީ ގާނޫނުގެ ތެރެއިން ވެސް އަދި މިހާތަނަށް އިލެކްޝަން ކޮމިޝަނުން އަމަލުކޮށްފައި ހުރިގޮތަށް ބަލާއިރު ފައިސާ ނުދީ ހިފެހެއްޓޭނެ އެއްވެސް ހުއްޖަތެއް އޮތް ކަމެއް ކަމަށް އެ ޕާޓީން ގަބޫލުނުކުރާ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީން ބުންޏެވެ.