13 Jun 2016, 15:05
ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ރިތިކް ރޯޝަން ކައިރިން ވަރިވީ، ދެމީހުން އެކުގައި އުޅެވޭނެ ކަމުގެ އުންމީދެއް ނެތުމުން، އެއްވެސް އުންމީދެއް ނެތް ގުޅުމެއްގައި ހުންނަން ބޭނުން ނުވުމުން ކަމަށް ރިތިކުގެ ކުރީގެ އަނބިމީހާ ސުޒާން ޚާން ބުނެފި އެވެ.
ސުޒާން އާއި ރިތިކު ކައިވެނި ކުރީ 2000 ވަނަ އަހަރު އެވެ. އެއަށްފަހު ދެމީހުން ވަރިވީ 2014 ވަނަ އަހަރު އެވެ. ވަރިވުމުގެ ކުރިން ދެ މީހުން ވަނީ އެއް އަހަރު ވަކިން ވެސް އުޅެފައެވެ.
ކައިވެނި ރޫޅުނު ފަހުން މިހާރު ދެ އަހަރު ވެފައި ވާއިރު، ވަރިއާ ބެހޭގޮތުން ސުޒާން ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ.
ސުޒާން ބުނީ ދެމީހުން ވަކިވުމަށް ވުރެ ރަނގަޅު ގޮތެއް ނެތް ކަމަށް ވިސްނޭ ހިސާބަށް ދިއުމުން، އެކަން ގަބޫލުކޮށް، ހަގީގަތެއް ނެތް ހުވަފެންތަކެއް ދެކުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ދެމީހުންނަކީ ގާތް އެކުވެރިން. ވަރަށް ގިނައިން ވާހަކަވެސް ދައްކަން. އެކަމަކު އެކުގައި ތަންތަނަށް ގޮސް ނޫޅެން،" ސުޒާން ބުނެފައިވެ އެވެ.

ރިތިކް އާއި ސުޒާން އެމީހުންގެ ދެ ކުދިންނާ އެކު ---
ސުޒާން އަދި ރިތިކުގެ 14 އަހަރުވީ ކައިވެންޏަށް ދެ ފިރިހެން ކުދިން ވަނީ ލިބިފައެވެ. ދޮށީ ފިރިހެން ކުއްޖާ ރެހާން އަށް މިހާރު 10 އަހަރު ފުރިފައިވާ އިރު ހަގު ދަރިފުޅު ރިދާންއަށް އަށް އަހަރެވެ.
ސުޒާން ބުނީ، ރިތިކް އާއި އޭނާގެ ކައިވެނި ރޫޅުނު ނަމަވެސް ދެ ކުދިންގެ މުސްތަގުބަލަކީ ދެމީހުންނަށް ވެސް އެންމެ މުހިންމު ކަންތައް ކަމަށެވެ.
"ދެމީހުންވެސް އެކަކު އަނެކަކަށް އިހުތިރާމް ކުރަން. ދަރިންގެ ކަންތައްތަކުގައި ދެމީހުންގެ ދެމެދުގައި ހުރި ތަފާތު ކުރުންތައް އެއްފަރާތްކުރަން ޖެހޭނެ،" އޭނާ ބުންޏެވެ.