ވ. އަތޮޅުގެ ރަށްތަކުން ފުލުހުންނަށް ހުށަހަޅާފައި ހުރި ހުރިހާ މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވައި، މައްސަލަތައް ސުމަކަމަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ އަތޮޅުގައި ހުރި މައްސަލަތަކުގެ ތަހުގީގު ނިންމަން ކުރި މަސައްކަތް ކާމިޔާބުވީ 2013 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މެއި މަހާ ހަމައަށް ހުށަހަޅާފައި ހުރި 14 މައްސަލަ ނިންމައި ޕީޖީ އަށް ފޮނުވުމާ އެކުގައި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 2013 ވަނަ އަހަރު ހުށަހަޅާފައި މައްސަލަ އަކާއި 2014 ވަނަ އަހަރު ހުށަހެޅިފައިވާ ތިން މައްސަލަ އަކާއި 2015 ވަނަ އަހަރު ހުށަހެޅިފައިވާ އަށް މައްސަލަ އަކާއި މި އަހަރު ހުށަހެޅު އެއް މައްސަލަ އެވެ.

ތަހުގީގުކޮށް ނިންމި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކާއި ވައްކަމާއި މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތައް ހިމެނެ އެވެ.

އެ އަތޮޅުގައި ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރަނީ ވ. ފެލިދޫ ޕޮލިސް ސްޓޭޝަނުންނެވެ.

އެ ސްޓޭޝަނުން ވަނީ ތަހުގީގު ކުރަމުން ދިޔަ ހުރިހާ މައްސަލަތަކެއްގެ ތަހުގީގު ނިންމައި ޕްރޮސެކިޓަރުންނާ ހަމައަށް ފޮނުވައިފަ އެވެ. އެހެންކަމުން މިވަގުތު ވ. އަތޮޅުގައި ތަހުގީގު ކުރަމުންދާ އެއްވެސް މައްސަލައެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ފެލިދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކޮށް ނިންމައި ދައުވާ ކުރަން ފޮނުވި ބައެއް މައްސަލަތަކުގެ ޝަރީއަތް ފެށިގެން މިހާރު ކުރިއަށް ދާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.