13 Jun 2016, 13:51
މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް މީގެ ކުރިން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހ. ލޮބީ ހުސައިން ހުމާމް ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ނޫން ކަމަށް ބުނެ ހުމާމްގެ ވަކީލު ދައުލަތަށް ޖަވާބުދީފި އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުމާމް މަރަން ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. މައްސަލާގެ ބާވަތުން ހުކުމް ކަށަވަރުނުކޮށް ހުކުމް ތަންފީޒު ކުރެވޭނެ ފަދަ މައްސަލައަކަށް ނުވާތީ ހުކުމް ކަށަވަރުކޮށްދިނުމަށް އެދި ސުޕުރީމް ކޯޓަށް ހުށަހަޅާފައި ވަނީ ޕީޖީގެ ފަރާތުންނެވެ.
އެ މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅު ނުކުތާތަކަަށް ޖަވާބުދާރީވަމުން ހުމާމްގެ ވަކީލު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ހުމާމް އިއުތިރާފް ވަނީ ބިރުދައްކައިގެން ކަމަށެވެ. އަދި އެ އިއުތިރާފާ ގުޅުންހުރި ގިނަ ކަންތައްތަކެއް ވެސް ހުމާމްގެ ވަކީލު ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން މާފުށީ ޖަލުގައި ހުމާމް ޑޮކްޓަރަށް ދެއްކުމުން ދެފަހަރެއްގެ މަތިން ސައިކޭޓްރިސްޓަކަށް ދެއްކުމަށް ޑޮކްޓަރު އިރުޝާދު ދެއްވި ކަމަށާއި ނަމަވެސް އެކަން ކަރެކްޝަނަލް ސާވިސްއިން ކޮށްދީފައި ނުވާ ކަމަށެވެ. އަދި ހުމާމް ހައްޔަރު ކުރި ފަހުން ސައިކޭޓްރިސްޓް ޓެސްޓެއް ހަދާފައި ނުވާ ކަމަށް ހުމާމްގެ ވަކީލު ވިދާޅުވި އެވެ. އެފަދަ ޓެސްޓެއް ހެދިނަމަ ހުމާމް ޝަރީއތަުގެ މަޖިލީހުގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް އިއުތިރާފު ވެފައިވަނީ ބިރުދައްކައިގެންކަން ހާމަވާނެ ކަމަށް ވަކީލު ވިިދާޅުވި އެވެ.
ހެކި ހުށަހަޅަން ކްރިމިނަލް ކޯޓުން ފުރުސަތު ނުދިންކަމަށް ފާހަގަކޮށް ހުމާމްގެ ވަކީލު ވިދާޅުވީ އެކޯޓުގައި ޝަރީއަތުގެ މަޖިލީސް ކުރިއަށްދިޔަ އިރު ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް އިއިތިރާފުވި ދުވަހު ހެކި ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު ޖެހިގެން އައި ދުވަހު ވީ އިއުތިރާފު ހުމާމް އަނބުރާ ގެންގޮސް ހެކި ހުށަހެޅުމުގެ ފުރުސަތަކަށް އެދުމުން އެފުރުސަތު ނުދޭ ކަމަށެވެ. މީގެކުރިން ވެސް ބައެއް މައްސަލަތަކުގައި ސުޕްރީމް ކޯޓަށްވެސް ހެކިން ހާޒިރުކޮށްފައިވާ ކަން ފާހަގަކޮށް ހުމާމްގެ ވަކީލު އެދުނި އެ މައްސަލަައިގެ ހެކިން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނިކޮށް ފެނުނުރޭ ހުމާމް ލައިގެން ހުރި ގަމީހުން ޑީއެންއޭ ފެނިފައިވާ ކަމަށް ބުނެ ދައުލަތުން ފާހަގަކުރި ނުކުތާއާ ގުޅިގެން ހުމާމްގެ ވަކީލު ވިދާޅުވީ ހުމާމްލައިގެން ހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސް އޭގައި ޑރ. އަފްރާޝީމް އަލީގެ ލޭ ނުވަތަ ކުޅު ނޫގުޅާ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އެއީ އެ މައްސަލައިގެ ތަހުގީގުގެ ހުރިހާ ކަމެއްގައި ފުލުހުން އުޅުމުން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން ޑީއެންއޭ ފެނުނު ކަމަށް ބުނެ އާންމު ކުރި ރިޕޯޓުގައި ޝައްކުތަކެއް ހުރިކަމަށް ވަކީލު ވަނީ ވިދާޅުވެފަ އެވެ.
މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ ހުމާމްގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ޖަވާބުދާރީވުމަށް ދައުލަތަށް އިތުރު ފުރުސަތެއް ދެއްވާފަ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.
ޑރ. އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.