13 Jun 2016, 14:27
ޖޫން މަހުގެ 19 ވަނަ ދުވަހު ފާހަގަކުރާ ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައި، ހޮޓެލް ޖެންއިން ޚާއްސަ ފޮޓޯ މުބާރާތެއް ބާއްވަން ތައްޔާރުވަމުން އެބަ ދެ އެވެ.
"ޝޯ ދަ ވޯލްޑް ދެޓް ޔޫ އާ ޑެޑީޒް ޑަބަލް" ގެ ނަމުގައި ކުރިޔަށް ގެންދާ މި މުބާރާތަކީ، ޖޫން 19 ވަނަ ދުވަހު ހޮޓެލް ޖެންއަށް ރޯދަ ވީއްލަން އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިޔަށް ދާނެ ޕްރޮމޯޝަނެކެވެ.
ހޮޓެލް ޖެންގެ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް މެނޭޖާ ނީނާ މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ، މި މުބާރާތުގައި ކުރަން ޖެހޭ ކަމަކީ، އެ ދުވަހު އެ ފަރާތެއްގެ ބައްޕައާ އެކު ހޮޓެލް ޖެންއަށް ރޯދަ ވީއްލަން އައިސް، ބައްޕައާ އެކުގައި ފޮޓޯއެއް ނެގުން ކަމަށެވެ.
ނީނާ ވިދާޅުވީ، މި ފޮޓޯގައި ދައްކަން ޖެހޭ ކަމަކީ، ފޮޓޯ ނަގާ ފަރާތަކީ އޭނާގެ ބައްޕައާ ވައްތަރު ފަރާތެއްކަން ކަމަށެވެ. އެގޮތުން، ބައްޕައާ ދަރިފުޅާ އެކުގައި ރޯދަ ވީއްލަން އަންނަ އިރު، ލައިގެން ހުންނަން ޖެހޭނީ އެއްވައްތަރުގެ އަންނައުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ބައްޕައާ އެއްގޮތަށް ހެދުން އަޅައިގެން ފޮޓޯ ނަގަން ޖެހެނީ، ހޮޓެލް ޖެންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ލައިމް ރެސްޓޯރަންޓްގައި ހުންނަ ޚާއްސަ ފޮޓޯ ފްރޭމް ޕްރޮޕްއާ އެކުގަ އެވެ. ނަގާ ފޮޓޯ،#HotelJenMaleMaldvesއާއި#DadsDayAtHotelJenމި ދެ ހޭޝްޓެގް ޖެހުމަށް ފަހު ޝެއާ ކުރަންޖެހެނީ ފޭސްބުކްގައެވެ.
ނީނާ ވިދާޅުވީ، ހޮޓެލް ޖެންއިން އެންމެ ރަނގަޅު ފޮޓޯގެ ގޮތުގައި ނިންމާ ފޮޓޯ އަޕްލޯޑުކުރާ ފަރާތަކަށް، ދެ މީހަކަށް ސިންގަޕޫރުގެ ހޮޓެލް ޖެން ޓަންގްލިންގައި ތިން ދުވަހާއި ދެ ރޭގެ ހުރުމާއި ބްރެކްފަސްޓް ބުފޭ ޕެކޭޖެއް ލިބޭނެ ކަމަށެވެ.
އަދި އޭގެ އިތުރުން ހޮވާ ތިން ރަނަރއަޕުންނަށް، ދެ މީހަކަށް ހޮޓެލް ޖެން މާލޭގައި މެންދުރު ނުވަތަ ރޭގަނޑުގެ ކެއުމާ އެކު އޮންނަ ޕޫލް ޕެކޭޖެއް ލިބޭނެ ކަމަށް ނީނާ ވިދާޅުވި އެވެ.