ޔޫރޯ 2016ގެ މެޗުތައް ކުރިއަށްދާ ސްޓޭޑިއަމްތަކާއި، އެ މެޗުތައް ބެލުމަށް ސަޕޯޓަރުން އެއްވުމަށް ހަދާފައިވާ ފޭން ޒޯންތަކުގައި އަލްކަހޯލްގެ އިސްތިއުމާލް ކުރުން ފްރާންސް ސަރުކާރުން މަނާކޮށްފިއެވެ.

ފްރާންސް ސަރުކާރުން އެގޮތަށް ހަމަޖެއްސީ، ޔޫރޯއާ ގުޅިގެން އެގައުމުގައި ވޭތުވެދިޔަ ދެތިން ދުވަހު ހިނގި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން އެޅި ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައެވެ.

ޔޫރޯ މެޗުތައް ކުޅޭ އެއް ސިޓީ ކަމަށްވާ މާސޭގައި ހޮނިހިރު ދުވަހު، އިންގްލޭންޑް ސަޕޯޓަރުންނާއި ރަޝިއާ ސަޕޯޓަރުންގެ މެޗުގައި އަދި ފްރާންސްގެ ބައެއް ގޭންގުތައް އެއްވެ ހިންގި ބޮޑެތި މާރާމާރީތައް ހުއްޓުވަން އެގައުމުގެ ފުލުހުން ވަނީ، ޓިއަރ ގޭހާއި ވޯޓަރ ކެނަން ބޭނުންކޮށްފައެވެ.

މީގެ އިތުރުން، އާދީއްތަ ދުވަހު ނީސްގައި ނޮދަން އަޔަލޭންޑާއި ޕޮލެންޑް ކުޅުނު މެޗާއި، ލިލްގައި ޖަރުމަނާއި ޔުކްރޭންގެ މެޗު ކުޅުނު ވަގުތު އެ ޓީމުތަކުގެ ސަޕޯޓަރުންގެ މެޗުގައި ވެސް ވަނީ މިފަދަ ހަމަނުޖެހުންތަކެއް ހިންގައިފައެވެ.

ފްރާންސްގެ އިންޓީރިއަރ މިނިސްޓަރު ބަރނަރޑް ކަޒެނުވޭ ވިދާޅުވީ، ޔޫރޯގެ މެޗުތައް ކުޅޭ ދުވަހާއި އަދި އޭގެ ކުރީ ދުވަހުވެސް މެޗުތައް ކުޅޭ ސަރަހައްދުތަކާއި ކުޅިބަލާމީހުން އެއްވާ ސަރަހައްދުތަކުގައި ރަލުގެ އެއްވެސް ބާވަތެއް ވިއްކުމާއި، ބުއިމާއި އަދި އެ ތަންތަނަށް ރާ ގެންދިއުމަކީވެސް މަނާކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

"ހޮނިހިރު ދުވަހު މާސޭގައި ހިނގި ހާދިސާތަކަކީ ގަބޫލުކުރެވޭނެ ހާދިސާއެއް ނޫން. އެއީ ކަމާބެހޭ ފަރާތްތަކުންވެސް، މުޖުތަމައުންވެސް އަދި ފުޓްބޯޅައަށް ލޯބިކުރާ މީހުންވެސް ބަލައިގަންނާނޭ ކަމެއް ނޫން،" ފްރާންސްގެ އިންޓީރިއަރ މިނިސްޓަރު ބަރނަރޑް ވިދާޅުވިއެވެ.

ޔުއެފާއިން އިއްޔެ ވަނީ، އިނގިރޭސީންނާއި ރަޝިއާގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އެ ދެގައުމު މިފަހަރުގެ ޔޫރޯއިން ވަކިކުރާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.