13 Jun 2016, 13:55
ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ ގޮތަށް ސިވިލް ސާވިސް ގާނޫނުގައި ބުނެފައިވާ ޕާމަނަންޓް ސެކެޓްރީ (ޕީއެސް)ގެ މަގާމަށް މީހުން އައްޔަން ކުރާ އިރު އެ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެ ހުންނަވާ މިނިސްޓަރެއްގެ ލަފާ ހޯއްދަވާ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
އެ ބިލު މަޖިލީހަށް ބަލައިގަތީ 32 މެމްބަރުންގެ ވޯޓުން ނެވެ. އަދި ބިލާ ދެކޮޅަށް 18 މެމްބަރަކު ވަނީ ވޯޓު ދެއްވައިފަވެ އެވެ. އެ ބިލު ބަލައިގަތުމުން ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ވަނީ ފޮނުވައިފަ އެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މީހުން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ޕާމަނަންޓް ސެކެޓްރީގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން މިނިސްޓަރުގެ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރަށް، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުން ކަމަށެވެ.
އެ ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕާމަނަންޓް ސެކްރެޓަރީގެ ޒިންމާއަކީ، އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތަކާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެ ދިނުން ކަމަށެވެ.
ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ލަތީފު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރެވިގެން ކަމަށެވެ.