ރައްޔިތުންގެ މަޖިލީހުގައި ބިލުތަކަށް ބަހުސްކުރުމަށް އޮންނަ ވަގުތު އެއްގަޑިއިރަށް ކުޑަކޮށްފި އެވެ.

އާއްމު ކޮމެޓީގެ ނިންމުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ އަމަލުކުރަން ފަށައިފައެވެ. އެކަމުގެ ސަބަބުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު މެންދުރު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އާއްމުކޮ ކޮމެޓީން މަޖިލީހުގައި ބަހުސްކުރާނެ ވަގުތު ކުޑަކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމަކަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ، އެކަން އެގޮތަށް އާއްމު ކޮމެޓީން ނިންމުމުން މަޖިލީހުގައި ބިލަކަށް ބަހުސް ކުރުމަށް އެމްޑީޕީއަށް ލިބެނީ 14 މިނެޓު ކަމަށެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ފަސް މިނެޓު ލިބޭއިރު އަދާލަތު ޕާޓީއަށް ލިބެނީ ދެ މިނިޓް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ބަހުސް ކުރައްވަން ލިބިވަޑައިގަންނަވާނީ 30 ސިކުންތު ކަމަށެވެ.

"އެކަމުގެ ސަބަބުން ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމުގެ ފުރުސަތު ކުޑަވެގެން އެބަދޭ. މިއަދުވެސް މަޖިލީހުގައި ބަހުސް ކުރެއްވި ވަރަށް މުހިއްމު ދެ ބިލަކަށް އެމްޑީޕީގެ ފަރާތުން ވާހަކަދެއްކުނީ އެންމެ ތިން މެމްބަރުންނަށް. މަޖިލިސް މެމްބަރުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ދާއިރާތައް ތަމްސީލުކޮށްފައި ދައްކަންޖެހޭ ވާހަކަތައް ދެއްކުމުގެ ފުރުސަތު ގެއްލިގެން މި ދަނީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގެ ބޭރުގައި ހުންނަވައިގެން ރޮޒެއިނާ (ކ) އަދި އިންތި (ވ) ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ރައްޔިތުންގެ އަޑު ކަނޑުވާލުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ސަރުކާރުން ކުރަމުންދާ އެކި ކަންކަމުގެ ވާހަކަ ދެއްކުމަށް މިއަދު އޮތް ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލީސް ކަމަށެވެ. ނަމަވެސް އެކަންވެސް މިއަދު ވަނީ ސަރުކާރުން ހަނިކޮށްލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް މި ސަރުކާރުން ހިންގާ ކަންކަން ހާމަކުރުމަށް އޮތް ފުރުސަތު ބަންދުކޮށްލުމަށް ސަރުކާރުން ކުރާ ކަމެއް މިއީ. އެހެންކަމުން މިއީ އަޅުގަނޑުމެން އެމްޑީޕީގެ ފަރާތުން ވަރަށް ކަންބޮޑުވާ ކަމެއް. އާއްމު ކޮމެޓީން މި ބަދަލު މިހާރު ވަނީ ގެނެސްފައި،" އިންތި ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގެ ތަޅުމުގައި ވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، ރިޔާސަތުން މެމްބަރުންނަށް ފުރުސަތު އަރުވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 94 ވަނަ މާއްދާގެ (ޅ)ގައިވާ ގޮތުގެ މަތީން އާއްމު ކޮމެޓީން މަޖިލީހުގެ ރިޔާސަތަށް ލަފާ އަރުވާ ގޮތެއްގެ މަތީން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ރީކޯ މޫސާ މަނިކު: ފޮޓޯ/ މަޖިލިސް

"ރިޔާސަތުން އެއްވެސް ވަރަކަށް ވަގުތު ކުޑަކުރަން މަސައްކަތް ނުކުރާ ވާހަކަ އިއްޒަތްތެރި މެމްބަރުންނަށް ވަރަށް އިހުލާސްތެރިކަމާއި އެކީގައި ދަންނަވަން. ރަމަޟާން މަސް ކަމަށްވާތީވެ ތިން ގަޑިއިރުގެ ބަހުސްގެ ވަގުތު މިވަނީ އެއް ގަޑިއިރަށް ކުޑަކޮށްފައި. މިއީ އާއްމުކޮށް މަޖިލީހުގައި އަމަލު ކުރަމުން އަންނަ އުސޫލު ކަމަށްވާތީ އެ ވާހަކަ ދަންނަވާލަން." މޫސަ ވިދާޅުވި އެވެ.