13 Jun 2016, 14:23
ހޮލީވުޑުގައި ފައިތިލަ ސާބިތު ކުރަމުން އަންނަ ހިންދީ ބަތަލާ، ޕްރިޔަންކާ ޗޯޕްޅާގެ ވިދުން މިވަނީ ވަރަށް ގަދަ ވެފައެވެ. "ކުއަންޓިކޯ" ސީރީޒަށް ފަހު ޕްރިޔަންކާ ވަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ގެ މަސައްކަތްވެސް ކޮށްފައެވެ.
އޭގެ އިތުރުން އޭނާއަށް ވަނީ އެންމެ ފަހުން ބޭއްވި 88 ވަނަ އޮސްކާ އެވޯޑްސް ޝޯވ ވެސް ހުށަހަޅައިދީފައެވެ. ހަމަ އެއާއެކު، ޕްރިޔަންކާއަށް ވަނީ ކޮންމެ އަހަރަކު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވައިޓް ހައުސްގައި ބާއްވަމުން ގެންދާ ވައިޓް ހައުސް ކޮރަސްޕޮންޑެންޓް ޑިނާގައި ބައިވެރި ވުމުގެ ފުރުސަތު ވެސް ލިބިފައެވެ.
ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާ ކުރަމުން އަންނަ ޕްރިޔަންކާ މިހާރު ވަނީ އޭނާގެ ރީތިކަމާއި އެކްޓު ކުރުމުގެ ހުނަރުގެ ޖާދޫގައި އެތައް ބަޔަކު ޖައްސައިފައެވެ.
އެއާއެކު އަނެއްކާވެސް ޕްރިޔަންކާ މިވަނީ އޭނާގެ ކާމިޔާބީގެ ލިސްޓަށް ކަމެއް އިތުރުކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހު މިވަނީ ރެޑްވަންގެ ޑެބިއު އަލްބަމްގެ ލީޑު ސިންގަލް، "ޑޯންޓް ޔޫ ނީޑް ސަމްބޮޑީ" ގެ މިއުޒިކް ވީޑިއޯ ރިލީޒްކޮށްފައެވެ. އަޑުއަހާލަން ހިތްގައިމު އެ ލަވައިގެ ވީޑިއޯ ރިލީޒް ކުރި އިރު އެންމެ ފާހަގަވީ ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭ ގިނަ ފަންނާނުންތަކެއް އެ ވީޑިއޯގައި ހިމަނާފައި ވުމެވެ.

"ޑޯންޓް ޔޫ ނީޑް ސަމްބޮޑީ" ގެ މިޔުޒިކް ވީޑިއޯގެ ސްކްރީންޝޮޓެއް ---
އެންރިކޭ އިގްލާސިއަސް އާއި އާރް ސިޓީ، ސެރާޔާ އަދި ޝެގީ ކިޔައިދީފައިވާ އެ ލައިވައިގައި ލަވަކިޔުންތެރިންނާ، ބޭންޑުތަކާއި، ކުޅިވަރު ކުޅޭ ފަރާތްތަކާއި، ޓީވީ ޕްރޮޑިއުސަރުންނާއި ހޯސްޓުންގެ އިތުރުން އެކްޓަރުންނާއި ޕްލާސްޓިކް ސާޖަން އެއް ވެސް ހިމެނެ އެވެ.
މިހާރުވެސް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނަ އެ ވީޑިއޯގައި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުރިސްޓިއާނޯ ރޮނާލްޑޯ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޖެނިފާ ލޮޕޭޒް އާއި އޭކަން ފަދަ ކުޅަދާނަ ހުނަރުވެރި ފަންނާނުން ފެނެ އެވެ.

"ޑޯންޓް ޔޫ ނީޑް ސަމްބޮޑީ" ގެ މިޔުޒިކް ވީޑިއޯގައި ރޮނާލްޑޯ ---
އެފަދަ ކާމިޔާބު ފަންނާނުންނާ އެކު އިހަކަށް ދުވަހު ހޮލީވުޑަށް ނުކުތް ޕްރިޔަންކާ ވެސް ހިމެނެ އެވެ. "ލިޕް ސިންކް" ކުރާ އެ ލަވައިގައި ޕްރިޔަންކާ ފެނިގެން ދަނީ ކުޑަކޮށް ނަށާލާފައި ލަވަ ކިޔާ މަންޒަރެވެ. ވީޑިއޯ އާއެކު އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުހީ އިން ވެސް އޭނާ ވަނީ އަނެއްކާ ޖާގަ ހޯދައިފައެވެ.
"ޑޯންޓް ޔޫ ނީޑް ސަމްބޮޑީ" ގެ މިޔުޒިކް ވީޑިއޯގައި ޕްރިޔަންކާ ---
އެ ވީޑިއޯ އިން ދެން ފެންނަ ފަރާތްތަކުގެ ތެރޭގައި، ރަޝިޔާގެ އެކްސްފެކްޓާ ކާމިޔާބު ކުރި އަލެކްސް ސްޕެރޯ، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް، އާސެނަލްގެ އޮޒިލް، ޕީއެސްޖީގެ ޑޭވިޑް ލުއިސް، ޓެނިސް ކުޅުންތެރިޔާ ނަދާލް، އެމެރިކަން އައިޑަލްގެ ހޯސްޓް ރަޔަން ސީކްރެސްޓް އަދި ރެޕް ލަވަކިޔުންތެރިޔާ ފްރެންޗް މޮންޓޭނާ ފަދަ ފަރާތްތައް ހިމެނެ އެވެ.

"ޑޯންޓް ޔޫ ނީޑް ސަމްބޮޑީ" ގެ މިޔުޒިކް ވީޑިއޯގައި ޖޭލޯ ---
ނަމަވެސް އެ ވީޑިއޯ އިން، އެންރިކޭ އިގްލޭސިއަސް ނުފެންނާތީ އެއްބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.