13 Jun 2016, 13:25
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން މިދިޔަ އަހަރު ކޯޕްރޭޓްތަކަށް ދޫކުރި ލޯނުތަކުގެ އަދަދު ދެގުނަ އިތުރު ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ކޯޕްރޭޓް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ރާއްޖެއަކީ އިންވެސްޓްކުރަން ވަރަށް ރަނގަޅު މަންޒިލެއް ނަމުގައި ހޮޓެލް ޖެންގައި މިދިޔަ ހަފުތާގައި ކުރިއަށްގެން ދިޔަ ހަފްލާގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ މެނޭޖިން ޑައިރެކްޓާ އެންޑްރޫ ހީލީ ވިދާޅުވީ އެ ބޭންކުން ދޫކޮށްފައިވާ އަށް ބިލއަން ރުފިޔާގެ ލޯނުގެ ތެރެއިން ދެބައިކުޅަ އެއްބައި ދޫކޮށްފައި ވަނީ ކޯޕްރޭޓްތަކަށް ކަމަށެވެ. އަދި އެއަށް ވުރެ އިތުރަށް ލޯނު ދޫކުރަން ވެސް ތައްޔާރު ކަމަށް ވެސް އެންޑުރޫ ވިދާޅުވި އެވެ.
"ގިނަ ފަރާތްތަކަކުން ބޭންކް އޮފް މޯލްޑިވްސް އާ މެދު ދެކެނީ ބޮޑެތި ވިޔަފާރިތަކަށް އަމާޒުކުރެވޭ ބޭންކެއްގެ ގޮތުގައެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެން މިދަނީ ރާއްޖޭގައި ހުރި އެހެން ބޭންކްތަކަށްވުރެ ބޮޑަށް ކޯޕްރޭޓް ވިޔަފާރިތަކަށް އެހީތެރިވަމުން." އެންޑްރޫ ވިދާޅުވި އެވެ.

ބޮޑެތި ކުންފުނިތަކުން އެހަފްލާގައި ބައިވެރިވެފައިވާއިރު އެހަފްލާގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ކޯޕަރޭޓް ބޭންކިން ޑައިރެކްޓާ ކްލްދީޕް ޕަލިވާލް ވިދާޅުވީ ކޯޕަރޭޝަންތަކަށް ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތައާރަފްކުރުމާއި ތަޖުރިބާހުރި ޓީމެއް މެދުވެރިކޮށް ވިޔާފާރިތަކުންބޭނުންވާ ގޮތަށް ހިދުމަތް ދެމުންދާނެ ކަމަށެވެ.
"ބޭންކުން ކޯޕްރޭޓް ކަސްޓަމަރުންނަށް ބޭނުންވާނެ ހިދުމަތްތައް ދިނުމުގެ ގޮތުން ވިޔަފާރި އާ ރައްޓެހި، ފަސޭހަކަމާ އެކު ހިދުމަތް ހޯދޭނެ ގޮތަށް ހިދުމަތް ބައްޓަންކުރާނަން." ކްލްދީޕް ވިދާޅުވި އެވެ.
އެހަފްލާގައި ވަނީ ރާއްޖެއަކީ އިންވެސްޓްކުރަން ވަރަށް ރަނގަޅު މަންޒިލެއްކަން ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ރާއްޖޭގެ ވިޔަފާރީގެ ކުރީ ސަފުގައި ހިމެނޭ ވިޔަފާރިވެރިންނާ ހިއްސާކޮށްފަ އެވެ. އަދި ދުނިޔޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގައި ރާއްޖެއަށް ފުރުސަތުތައް ވެސް ވަނީ ފާހަގަކޮށްފަ އެވެ.